ސިޔާސީ ޖަޒުބާތުގެ ތެރެއަށް ގާނޫނުލްއުގޫބާތު ވެއްދުމަކީ ހެދޭ ވަރަށްބޮޑު ގޯހެއް ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވުމަށް މަސައްކަތްކުރި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޔޯގާ ހަރަކާތަކީ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑު ހަރަކާތަކަށްވެފައި، މިކަމުގައި ސިޔާސީ ޚިޔާލު ތަފާތުވުންވެސް އޮތްއިރު، މިކަމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މިހަމަނުޖެހުންތަކާއި ގުޅިގެން ކުއްލިއަކަށް ޤާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މުހުތާޒު ވިދާޅުވީ ސިޔާސީ ޖަޒުބާތުގެ ތެރެއަށް ޤާނޫނުތައް ވެއްދުމަކީ ހެދޭ ގޯހެއްކަމަށެވެ. ސިޔާސީ ކޯޅުންތަކައި، ސިޔާސީ ގޮތުން އޮންނަ ވާދަވެރިކަމަށް ހޯދަން ޖެހޭނީ ސިޔާސީ ހައްލެއްކަމަށް މުހުތާޒު ވިދާޅުވިއެވެ.
ސިޔާސީ ޖަޒުބާތުގެ ތެރެއަށް ގާނޫނުލް އުގޫބާތު ވެއްދުމަކީ ހެދޭ ވަރަށްބޮޑު ގޯހެއް. ސިޔާސީ ކޯޅުމަށް އޮންނަންވާނީ ސިޔާސީހައްލެއް.
– މުހުތާޒު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މިބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ އަމަންޢާންމާއި، ރައްކާތެރިކަމާއި، އަޚްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚަރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުންކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަކީވެސް އެ އިސްލާހުގެ މަޤްޞަދެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.
މި އިޞްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައަޅާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
– އެހެން ޤައުމެއްގެ ދިދައަށް ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން.
– އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމުގެ ގޮވާލުން.
– އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.
– އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޯށްދިނުމަށް ގޮވާލުން.
ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައި މިވަނީ އިދިކޮޅުން އިސްނަގައިގެން އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާއޮތް އަދި ރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފު ޢަމަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނިކޮށެވެ.
ކޮމެންޓު ފޮނުވާ