ހަފްލާތައް ފަސްކޮށް، މާސްކު އެޅުމަށް އިލްތިމާސްކޮށްފި

ހަފްލާތައް ފަސްކޮށް، މާސްކު އެޅުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2022 10:12
0

އެކި ގައުމުތަކާއި ރާއްޖޭގައި ވެސް ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި ކޮންމެހެން ބާއްވަން ޖެހޭ ހަރަކާތްތަކާއި ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރަން އެޗްޕީއޭ އިން މިރޭ އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުން ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު ޖޫން މަހުގެ ތިން ވަނަ ހަފްތާގައި 185 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް އެނދުމަތި ކުރާ މީހުން އިތުރުވެ މިމަހުގެ ތެރޭގައި ތިން މީހަކު ވެސް ބަލީގައި ނިޔާވެފައިވާ ކަމަށެވެ. މިސަބަބަށްޓަކައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދާތީ ކޮންމެހެން ބާއްވަން ޖެހޭ ހަފުލާއެއް ވިޔަސް ވީހާ ވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މި ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ މީހުން އެތެރެ އާއި ރާއްޖޭން ބޭރަށް ދަތުރުކޮށް، އެއްވުންތަކާއި ހަފުލާތައް ބޭއްވުމަށް ރާވަމުންދާތީ އެޗްޕީއޭ އިން ވަނީ ސަމާލުވާން ޖެހޭ ކަންކަން ބަޔާން ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދަތުރުފަތުރު ކުރުމުގެ ކުރިން ދަތުރުކުރާ ރަށުގެ ނުވަތަ ގައުމުގެ ކޯވިޑްގެ ހާލަތު ދެނެގަތުމާއި ހައިރިސްކު މީހުން ގޮވައިގެން ދަތުރުކުރާ ނަމަ އަދި ކޮވިޑް ގިނަ ތަންތަނަށް ދާ ނަމަ ކޮންމެހެން ދާންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ލަސްކުރުމެވެ.

މިއާއިއެކު ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނާތީ އާންމު ފިޔަވަޅެއްގެ ގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓް، ފެރީ ޓާމިނަލްތައް، ދަތުރުފަތުރު ކުރާ ވަސީލަތްތައް (ފެރީތަކާއި ބަސް، ޓެކްސީ، މަތިންދާ ބޯޓު، ސީޕްލޭން) މިސްކިތް އަދި ބޭންކު ފަދަ ތަންތަނުގައި މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރުގެ ނިޔަލަށް ރާއްޖެއިން 405 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބަލި ޖެހުނު 231 މީހަކާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވީ 95 މީހަކާއި އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވީ 79 މީހެކެވެ. ކޯވިޑްޖެހިގެން އެޑްމިޓްކުރަމުންދާ މީހުންގެ ޢަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވެގެން 17 މީހަކުވަނީ އެޑްމިޓްކޮށްފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 180384 އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.