ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ގަލޮޅު ދަނޑުގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތް، އާންމުން ދަނޑަށް ވަދެގަނެ ހުއްޓުވާފައިވަނީ، ހަރަކާތުގައި ބައިވެރިވުމަށް، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުގެ އިތުރުން އދ. އިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރުވެސް ދަނޑުގައި ހުންނަވަނިކޮށް ކަން އެގިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މުޒާހިރާ ކުރާ ފަރާތްތަކުން ދަނޑަށް ވަދެގަތުމާއެކު، ފުލުހުންވަނީ ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް ހާޒިރުވެ ތިއްބެވި އިސް ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށް ދީފައެވެ.
މިހަރަކާތް މިއަދު ހެދނު ފެށުމާއެކު، ދީނީ ޝިއާރުތައް ފާޅުކުރަމުން ދިޔަ އާންމުން ގަލޮޅު ދަނޑަށް ވަދެގެންފައިވަނީ، ދަނޑުގެ ބޭރުގައި ޖަހާފައިހުރި ފެންސްތައް ހަލާކު ކޮށްލުމަށްފަހު، އަދު ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހުއެވެ. އެއްވެ ތިބި މީހުން ދަނޑަށް ވަދެގަތީ މި އިވެންޓް ފެށުމުގެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވަން ފެއްޓެވުމާއެކުއެވެ.
މި ހަރަކާތަކީ އެންމެ ފުރަތަމަ އާރޓިފިޝަލް ބީޗުގައި ބާއްވަން އިންތިޒާމްކުރި ހަރަކާތެކެވެ. އެހެންނަމަވެސް ހަރަކާތް ބީޗް ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ނުދިނުމުގެ ސަބަބުން މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މިއަދު ހެނދު ހަރަކާތް ބޭއްވުމަށް މަސައްކަތް ކޮށްފައިވަނީ ގަލޮޅު ދަނޑުގައެވެ.
އަދި މިއަދު ހެނދުނު މި ހަރަކާތް އިންތިޒާމްކުރާ މީހުން ދަނޑަށް ހާޒިރުވި އިރުވެސް އާންމު ދިޔައީ އެ ސަރަހައްދަށް އެއްވެ މިހަރަކާތާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ގަލޮޅު ދަނޑުތެރެއަށް ވަދެގަތް އާންމުން ވަނީ އިންވެޓު ބޭއްވުމަށް ހަމަޖެހުނު ސަރަހައްދުގައި ޖަހާފައިހުރި ރާއްޖެއާއި އިންޑިއާގެ ދިދަތަށް ބިންދާލާ އަދި ޔޯގާ ހަރަކާތް ބޭއްވުމަށް އަތުރާފައިތިބި ބައެއް މެޓްތައް ވީދާ ހަދާ، ގަލޮޅު ދަނޑު ތެރޭގައި މިހަރަކާތާއި ދެކޮޅަށް އަޑުއުފުލާ ހަދާފައެވެ. އަދި ގަލޮޅު ދަނޑުތެރެއަަށް ވަދެގަތް މީހުންނާ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުންވެސް ހިނގާފައި ވެއެވެ.
އެހެންނަމަވެސް، ފުލުހުން ފަހުން މިސަރަހައްދުން މީހުން ދުރަށް ޖައްސާފައިވާއިރު، މިހަރަކާތް ހުއްޓުވުމަށް ގަލޮޅު ދަނޑުތެރެއަށް ވަދެގަތް މީހުންގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުން އާންމުކޮށް ފެންނަ މޫނުތަކުގެ އިތުރުން ދީނީ ބައެއް އިލްމުވެރިންވެސް ހިމެނެއެވެ. އަދި އެމީހުންތިބީ ދީނީ ޝިއާރުތަށް ލިޔެފައިވާ ދިދަތަކާއި ބެނާތައް ހިފައިގެންނެވެ.
ޔޫތު މިނިސްޓްރީން ހިންގުމަށް ރާވާފައިވާ ޔޯގާ ހަރަކާތް ހުއްޓުވުމަށް ގިނަބަޔަކު އެދެމުން ދަނިކޮށް، އިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީއަށް އިއްޔެ ވަނީ މިހަރަކާތް ހުއްޓުވުމަށް އެދި ސީޓީއެއްވެސް ފޮނުވާފައެވެ.
އިލްމުވެރިންގެ ގުޅުމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރަށް، އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނި ޔޯގާގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނަ ހިންދޫންގެ އަޅުކަމުގެ ޙަރަކާތްތައް މިރާއްޖޭގައި ފެތުރެމުން ދިއުމަކީ ދީނީ ޢިލްމުވެރިންގެ ޙައިޘިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި ޔޯގާގައި ކޮންމެވެސް މިންވަރެއްގެ ޞިއްޙީ ފައިދާތަކެއް ހުރެދާނެ ކަމަށް ބެލެވުނަސް، އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ފައިދާތައް އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ނަމާދާއި އެނޫން ކަސްރަތުތަކާއި ޙަރާކާތްތަކުން ލިބޭނެ ގޮތްތައް ހުރެމެ، އެހެން ބައެއްގެ ޚާއްޞަ ދީނީ އަޅުކަމެއްގެ ގޮތުގައި ހިމެނިފައިވާ ޢަމަލުތަކެއްގައި ބައިވެރިވެ ހެދުމަކީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫންކަން ދައުލަތުގެ ރަސްމީ ފެންވަރުގައި ޢާއްމުކޮށް އިޢުލާނުކޮށް ދެއްވުމަށްވެސް ވަނީ މިބަޔާނުގައި އެދިފައެވެ.
ކޮމެންޓު ފޮނުވާ