އިންޓަނޭޝަނަލް ޔޯގާގެ ދުވަސް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީ އިން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ގަލޮޅު ގަނޑުގައި ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީ އިން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ޔޯގާ އެއްވުން ބާއްވަން ނިންމާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ހަރަކާތް ފުރަތަމަ ބާއްވަން އޮތީ ރަސްފަންނުގައި އެ ދުވަހުގެ ހެނދުނު 6:00 ޖަހާއިރުއެވެ.
ނަމަވެސް އެ ހަރަކާތް ބޭއްވުމާއި ދެކޮޅަށް ގިނަ އާންމު ރަށްޔިތުންނާއި ދީނީ އިލްމުވެރިން މާލޭ ސިޓީ ކައުންސިލަށް ޝަކުވާ ހުށަހެޅުމުން ރަސްފަންނުގައި އެ ހަރަކާތް ބޭވުމުގެ ހުއްދަ ނުދޭން ކައުންސިލުން ވަނީ ނިންމާފައެވެ. މިހާރު އެ އިވެންޓް ގަލޮޅު ގަނޑުގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ. ޔޯގާއަކީ އިސްލާމީ ޝަރީއަތުގައި ހުއްދަނޫން ކަމެއްކަމަށް ދުނިޔޭގެ ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގް ވެއެވެ.
އަދި ޔޯގާއަކީ އެހެން ދީނެއްގެ ޝިޢާރެއްކަމުގައިވާތީ، އެއީ ޝަރުޢުގައި ޙަރާމް ކަމެއްކަން، މިޞްރުގެ "ދާރުލްއިފްތާއު"އާއި، ސަޢޫދީ ޢަރަބިއްޔާގެ ފަތުވާއާ ބެހޭ އެންމެ މަތީ މަޖްލިސް ހިމެނޭހެން، ދުނިޔޭގެ ބޮޑެތި ދީނީ މުއައްސަސާތަކުން ބަޔާންކޮށްފައިވާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.
ޔޯގާ އަކީ މުސްލިމުން ކުރުން ރަނގަޅު ނޫން ކަސްރަތެއް ކަމަށް އިލްމުވެރިން ބުނާ ސަބަބަކީ އެ ކަސްރަތަކީ ހިންދޫން އެމީހުންގެ ކަލާންގެ ރަމްޒުކޮށް އެއަށް އަޅުކަން ކުރުމުގެ ގޮތުން ކުރާ ބައެއް ކަންކަން ހިމަނައިގެން ހަދައިގެން އުޅޭ ކަސްރަތުތަކެއް ކަމަށްވާތީ ކަމަށެވެ.
ކޮމެންޓު ފޮނުވާ