އިންޑިއާގެ ވެރިކަން ކުރާ، ހައްދުފަހަނަ އެޅި ހިންދޫންގެ ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އެމެރިކާއިން ކުށްވެރި ކޮށްފިއެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އިންޑިއާއަށް ޑިޕްލޮމެޓިކް ބޮޑު ކާރިސާއަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ.
"ބީޖޭޕީގެ އިސް އޮފިޝަލުން ދައްކާފައިވާ ވާހަކަތަށް ކުށްވެރި ކުރަން. އަދި މި ވާހަކަތައް އެ ޕާޓީން ކުށްވެރި ކުރާކަން އާންމު ކޮށްފައިވާތީ އެކަމާ އުފާކުރަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ބުުރާސްފަތި ދުވަހު ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
"އިންސާނީ ހައްގުތަކާއި އަދި ދިނީ މިނިވަންކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަތީފަންތީގައި އިންޑިއާގެ ސަރުކާރާއެކީ ގުޅުންތައް ދަމަހައްޓަން، އަދި އިންޑިއާއިން އިންސާނީ ހައްގުތަކަށް އިޙުތިރާމް ކުރުމަށް ހިތްވަރު ދިނުމަށް ގޮވާލަން،" އޭނާ ވިދާޅުވެފައި ވެއެވެ.
ފާއިތުވެދިޔަ މޭމަހުގެ 26ވަނަ ދުވަހު އޮތް ޓީވީގެ ބަހުސެއްގައި، އިންޑިއާގެ ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާއާއި ގުޅޭގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން، މިވާހަކަތައް ކުށްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހިރާތައް ކޮށްފައެވެ.
އަދި މި ވާހަކަތަކާއި ގުޅިގެން، ޒަމާނުއްސުރެ އިންޑިއާއިއެކީ ގާތް ގުޅުންތައް ދަމަހައްޓަމުންދާ އަރަބި އިސްލާމީ ބޮޑެތި ގައުމުތަކުންވެސް ވަނީ ބީޖޭޕީގެ އިސްތަރުޖަމާން ވާހަކަތައް ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ.
ޕީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އިންޑިއާއާއި އަރަބި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާ، މިގޮތުން އިސްލާމީ ބޮޑެތި ބައެއް ގައުމުތައް ކަމަށްވާ، ސައުދީ އަރަބިއާއާއި، އިރާންއާއި، ގަތަރާއި ކުވައިތުންވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފިޝަލުގެ މިއަމަލު ކޮށްވެރިކޮށް ވަނީ ބަޔާންތައް ނެރެފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ.
އިންޑިއާގެ 1.4 ބިލިއަންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ %14 އެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ހިންދޫންނާއި މުސްލިމުންނާއި ދެމެދު ހިގާ ހަމަނުޖެހުންތައްވަނީ އިތުރު ވެގެން ގޮސްފައެވެ.