އާސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގު ފަށާ މެޗުގައި އާސެނަލްއާއި ކްރިސްޓަލް ޕެލަސް ވާދަކުރަން ޖެހިއްޖެއެވެ.
ޕްރިމިއާ ލީގުގެ ކުޅުން އަންނަ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ޕްރިމިއާ ލީގުގައި ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޮޓިންގްހަމް ފޮރެސްޓް އާއި ފުލަމްގެ އިތުރުން އޭއެފްސީ ބޯންމައުތާއެކު ޖުމްލަ 20 ޓީމު ވާދަކުރާނެއެވެ.
އޮގަސްޓް 5 ވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން 12:00 ގައި ލީގު ފަށާ މެޗުގައި މިދެޓީމް ވާދަކުރާނީ ކްރިސްޓަލް ޕެލަސްގެ ދަނޑުގައެވެ. ދެވަނަ ދުވަހު ލީގުގައި ހަތް މެޗު ކުޅޭނެއެވެ. އޭގެތެރޭގައި ޗެލްސީ އެވަޓަންއާ ވާދަކުރާ ނެޗާއި, ލިވަޕޫލް ފުލަމްއާ ވާދަކުރާ މެޗު ހިމެނެއެވެ. ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮގަސްޓް ހަތްވަނަ ދުވަހު ފުރަތަމަ މެޗުގައި ވާދަކުރާނީ ވެސްޓް ހޭމްއާއެވެ. އެމެޗު ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައެވެ. އެދުވަހު މެންޗެސްޓަރ ޔުނައިޓެޑް ފުރަތަމަ މެޗުގައި ވާދަކުރާނީ ބްރައިޓަންއާއެވެ.
ޕްރިމިއަރ ލީގު އޮގަސްޓްގައި ފެށިނަމަވެސް ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ވަރލްޑްކަޕަށް ލީގު މެދުކަނޑާލާނެއެވެ. އެންމެ ލަސްވެގެން ނޮވެމްބަރު 14 ވަނަ ދުވަހު ޤައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ޖެހޭނެއެވެ. އަލުން އެކުޅުންތެރިން ކްލަބާ ގުޅެން ޖެހޭނީ ނޮވެންބަރު 26 ގެ ފަހުންނެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ހޯދާފައި ވަނީ ލިވަޕޫލްއެވެ. އަދި ތިން ވަނަ ޗެލްސީ ހޯދިއިރު، ހަތަރުވަނަ ހޯދާފައި ވަނީ ޓޮޓެންހަމް ހޮޓްސްޕާއެވެ.
ކޮމެންޓު ފޮނުވާ