ގެއަކަށް ވަދެ، ބިރު ދައްކާ، އަންހެނެއްގެ އިނގިލި ބުރިކޮށްލި މައްސަލާގައި ހައްޔަރު ކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ގއ.ވިލިނގިލިން މިދިޔަ މޭ މަހު ހައްޔަރުކުރި ގ. ޗެރީ ހައުސް، އަލީ ހަސަން، 35، ބަންދުން ދޫކޮށްލުމާއި، ގުޅިގެން ޕީޖީ އޮފީހުން ވަނީ މިމައްސަލަ އިސްތިއުނާފު ކޮށްފައެވެ. ބަންދުން ދޫކޮށްލުމާއި މެދު މިއަދު ވިލިނގިލީ މެޖެސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އޭނާ ގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައްޓަން އަމުރުކޮށްފައެވެ.
އޭނާގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވާ އިރު، އެ ދައުވާތައް ސާބިތު ވެއްޖެނަމަ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.
ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ:
– އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
– ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
– އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ
މިދިޔަ މޭ މަހު އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާމެދު ވަކި ގޮތެއް ކަނޑައެޅުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުގެ ހުރުމަތް ކަނޑައިގެން 150 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމް ކުރިއެވެ. މީގެ އިތުރުން ޝަރިއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ