ލާމަރުކަޒީ ޤާނޫނުނު މިހާރު ބުނާގޮތުންވެސް އަދި ކުރިން އޮތް ގޮތުންވެސް ކައުންސިލަރުން އެއްވެސް މުއްދަތެއް ނެތްގޮތަށް ސަސްޕެންޑު ކުރުމަކީ ޤާނޫނުން ތަންދޭ ކަމެއް ނޫންކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުޖުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
އުތީމު ކައުންސިލް ރައީސް ޢަބްދުﷲ މުއްދަތެއް ނެތްގޮތަށް އެލްޖީއޭއިން ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒު ވަނީ އެނިންމުމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޤާނޫނީ ގޮތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭނެ ގޮތްތައް ލާމަރުކަޒީ ޤާނޫނުން މުހުތާޒު ވަނީ ސާފު ކޮށްދެއްވާފައެވެ. މުހުތާޒު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަށް ވެސް LGA ގެ މިނިންމުން ނުފެތޭކަމަށެވެ. އަދި ކުރީގެ ލާމަރުކަޒީ ޤާނޫނުގައި އޮތް ކައުންސިލަރުން ސަސްޕެންޑް ކުރަމުން އައި އުސޫލު ހައިކޯޓުން ބާތިލް ކޮށްފައިވާކަމަށް ކުރީގެ ޕީޖީ ވިދާޅުވިއެވެ.
ކުރީގައި ކައުންސިލަރުން ސަސްޕެންޑު ކުރަމުން އައި އުސޫލު ހައިކޯޓުންވަނީ ބާތިލުކުރައްވާފައި. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަށް ވެސް LGA ގެ މިނިންމުން ފެތޭކަމަށް ދެންނެވޭކަށެއްނެތް.
– މުހުތާޒު މުހުސިން ވިދާޅުވިއެވެ.
ރައްޔިތުންގެ ވޯޓުން ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުން އެއްވެސް މުއްދަތެއް ނެތްގޮތަށް ޤާނޫނީ ގޮތުން ނެތް ބާރެއް ބޭނުންކޮށްގެން ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގައި އެލްޖީއޭއިން ނިންމާފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް މުހުތާޒު ވިދާޅުވިއެވެ.
ރައްޔިތުން އިންތިޚާބުކޮއްފައިވާ ކައުސިލަރަކު ވަކި މުއްދަތެއް ނެތްގޮތަށް އަދި އެކަންކުރުމަށް ބާރުލިއްބައިދޭ ގާނޫނީ މާއްދާތައް ނުހިމަނުއްވާ ރަސްމީ ބަންދު ދުވަހެއްގައި ސަސްޕެންޑު ކުރެއްވުމަކީ މާޒީއަށް އިއާދަވުންކަމުގައި ނޫނީ ނުވާނެ.
– މުހުތާޒު މުހުސިން ވިދާޅުވިއެވެ.
އެލްޖީއޭއިން ޢަބްދުﷲ ރަޝީދަށް ފޮނުވި ސިޓީއެއްގައިވަނީ އޭނާ ސަސްޕެންޑްކޮށްފައިވަނީ އޭނާއާއި ގުޅޭގޮތުން އެއޮތޯރިޓީއަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެލްޖީއޭއިން ބުނެފައިވަނީ ޢަބްދުﷲ ރަޝީދާއި ގުޅޭ 11 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.
އެމައްސަލަތަކުގެ ތެރޭގައި:
– ކޭބަލް ޓީވީ ޚިދުމަތްދިނުމާ ގުޅޭ މަޢުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖެހުމަށްފަހު 10 އަހަރަށް އެގްރިމަންޓުކުރުން
– ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓް ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް މިހާތަނަށް އަންގާފައިނުވުން
– ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްފައިވުން
– ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން 4 މީހުން ނެގިއިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން
– މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެމަގާމަށް އިޢުލާންކުރުމަށް ފަހު ކައުންސިލަރު ބޭނުން މީހަކު މަޤާމަށް ނެގުން
– ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި، އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެކުންފުނިން ހޯދާފައިވުން
– ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުންނެގުން
– ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ މާލިއްޔަތު ޤަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައިނުވުން
– ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑު ބަލަހައްޓާފައިނެތުން
– ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުން
އެލްޖީއޭއިން ވަނީ ޢަބްދﷲ ރަޝީދު މިމައްސލައާއ ގުޅިގެން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ޖަވާބުދާރީވުމަށްވެސް އަންގާފައެވެ.
ކޮމެންޓު ފޮނުވާ