ޖުމްލަ 453 ދަރިވަރަކަށް މިއަހަރު ސްޓޫޑެންޓް ލޯނު ދޭން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިއަހަރުގެ ސްޓޫޑެންޓް ލޯނުގެ 720 ޖާގައަށް ކުރިމަތިލުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފުރުޞަތު ހުޅުވާލީ، މިއަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ. 3 މާރިޗުގެ ނިޔަލަށް ހުޅުވާލި މި ފުރުޞަތުގައި މުއްދަތު ހަމަވިއިރު، ޖުމްލަ 1000 ދަރިވަރުން ލޯނަށް އެދި ކުރިމަތިލާފައިވެއެވެ.
މި އެޕްލިކޭޝަންތައް ޕްރޮސެސްކުރުމަށްފަހު މިނިސްޓްރީން ވަގުތީ ލިސްޓު ހާމަކުރިއިރު ލޯނު ލިބިފައިވަނީ 393 ދަރިވަރަކަށެވެ. އެހެންނަމަވެސް ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ބަލާ ލޯނު ލިބުނު ދަރިވަރުންގެ ޢަދަދު ދާއިމީ ލިސްޓުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ސްޓޫޑެންޓް ލޯނު ޖުމްލަ 453 ދަރިވަރަކަށް ދިނުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ސްޓޫޑެންޓް ލޯނުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، މި ލޯނަކީ ސީދާ ވަކި ދާއިރާއަކަށް ނުވަތަ މިނިސްޓްރީއަކަށް ޚާއްސަކޮށްގެން ހުޅުވާ ފުރުޞަތަކަށްނުވިނަމަވެސް، އެއިރަކު ޤައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް އިސްކަންދީގެން ސްލޮޓްތަކެއް ރިޒާރވްކުރާކަމަށެވެ. އެހެންނަމަވެސް މިގޮތަށް ރިޒާރވްކުރާ ދާއިރާތަކަށްވެސް އެކަށީގެންވާ ވަރަށް ކުދިން ކުރިމަތިނުލާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ލޯނު ސްކީމުގައިވެސް 3 ދާއިރާއަކުން ސްލޮޓް ރިޒަރވްކުރިނަމަވެސް އެއިން އެއްވެސް ދާއިރާއަކަށް ކުރިމަތިލާފައިނުވާކަން މިނިސްޓަރ ވަނީ ހިތާމަޔާއެކު ފާހަގަކުރައްވާފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ސްޓޫޑެންޓް ލޯނުގެ ވަގުތީ ނަތީޖާއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ލިބުން ޝަކުވާތަކަށް ބަލާ، އެއް ޙާލަތަކަށް ފެތޭ ހުރިހާ ޝަކުވާތަކަކަށްވެސް ޢަމަލުކޮށްފައިވަނީ އެއް އުޞޫލުކުންކަމަށެވެ.
ސަރުކާރުން މަތީ ތައުލީމް ހާސިލްކުރުމަށް ސްޓޫޑެން ލޯން ހަމަޖައްސަވައިދެއްވަމުން އަންނައިރު ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުވެސް އަންނަނީ ފަހިކޮށްދެމުންނެވެ. ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވާދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ވަޢުދެކެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ.