ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ އޮފިޝަލުންނާއި ދެކޮޅަށް އިންޑިއާގައި މިއަދުވެސް މުޒާހިރާ ކޮށްފި

ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ އޮފިޝަލުންނާއި ދެކޮޅަށް އިންޑިއާގައި މިއަދުވެސް މުޒާހިރާ ކޮށްފި

އިންޑިއާގެ ޓީވީ ޗެނަލްއެއްގައި ކުރިޔަށްދިޔަ ބަހުސެއްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އިންޑިއާގައި ވެރިކަންކުރާ، ހިންދޫންގެ ހައްދުފަހަނައެޅި ބީޖޭޕީގެ އިސް ދެ އޮފިޝަލުން ހައްޔަރުކުރުމަށް ގޮވާލާ މިއަދުވެސް އިންޑިއާގައި މުޒާހިރާ ކޮށްފިއެވެ.

ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ ދެ އޮފިޝަލުން ހައްޔަރު ކުރުމަށް އިންޑިއާގެ މުސްލިމުން ކުރަމުންދާ މުޒާހިރާތަކުގައި މިއަދުވަނީ އެގައުމުގެ ބައެއް ސަރަހައްދު ތަކުގައި ހަމަނުޖެހުންވެސް ހިގާފައެވެ. މިގޮތުން ކުރިޔަށްދިޔަ މުޒާހިރާތަކުގައި އިންޑިއާގެ ކަމްޕޫރުގައާއި، އުއްތަރަ ޕްރަދޭޝްގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ.

ހިންދޫ ވަތަނީ ޕާޓީ ބީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުން ކުރިމަތިވި ޑިޕްލޮމެޓިކް ޕްރެޝަރއަށް އެޕާޓީންވަނީ އިސްތަރުޖަމާން ނުޕުރު ޝަރުމާއާއި އަދި އޭނާގެ އިތުރުން އެޕާޓީގެ މީޑިއާ އިންޗާރޖު ކަމަށްވާ ނަވީން ކުމާރު ޖިންޑާލްވެސް ޕާޓީން ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ނުޕުރު ޝަރުމާގެ ވާހަކަތައް އޭނާ ޓުވީޓު ކުރުމާއި ގުޅިގެންނެވެ. އޭނާވަނީ ފަހުން ޓުވީޓު ޑިލީޓް ކޮށްފައެވެ.

ޕީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އިންޑިއާއާއި އަރަބި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. މިގޮތުން އިސްލާމީ ބޮޑެތި ބައެއް ގައުމުތައް ކަމަށްވާ، ސައުދީ އަރަބިއާއާއި، އިރާންއާއި، ގަތަރާއި ކުވައިތުންވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފިޝަލުގެ މިއަމަލު ކޮށްވެރިކޮށް ބަޔާން ނެރެފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ.

އިންޑިއާގެ 1.4 ބިލިއަންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ %14 އެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ހިންދޫންނާއި މުސްލިމުންނާއި ދެމެދު ހިގާ ހަމަނުޖެހުންތައްވަނީ އިތުރު ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *