ދަރަނި ބޮޑުވެ ޤައުމުގެ މިނިވަންކަން ދޫވާ ހިސާބަށް ގޮސްފި: ޢަލީ ޙުސައިން

ދަރަނި ބޮޑުވެ ޤައުމުގެ މިނިވަންކަން ދޫވާ ހިސާބަށް ގޮސްފި: ޢަލީ ޙުސައިން

ރާއްޖޭގެ ދަރަނި ބޮޑުވެ މިނިވަންކަން ދޫވާ ހިސާބަށް ގޮސްފައިވާކަަމށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވެފައިމިވަނީ، ރާއްޖޭގެ ދަރަނި 100 ބިލިއަނާއި ގާތްކޮށްފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޢަލީ ޙުސައިން ވިދާޅުވީ ދަރަނި އަދާކުރަން ދަރަނި ނަގަމުން ނަގަމުންގޮސް ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް މިވަނީ ގޮސްފައިކަމަށެވެ، މި ދަރަނީގެ ވިހަ ބުރުން މިންޖުނުވެއްޖެނަމަ ބޮޑެތި ގެއްލުންތަކާއި ރައްޔިތުން ކުރިމަތިލާން ޖެހިދާނެކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް ނަގާފައިވަނީ އިންޑިއާއިންނެވެ.

ފިނޭންސް މިނިސްޓްރީ އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވެފައިވަނީ މިއަހަރުގެ ފުރަތަމަ ތިންމަހުގައި ނެގި ބޮޑެތި ދަރަނި ތަކާއިއެކުގައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު 4.8 ބިލިޔަން ރުފިޔާގެ ލޯނު ނަގާފައެވެ. މިއީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވިމެކެވެ.

ފިނޭންސުން އާންމުކޮށްފައިވާ ހިސާބުތަކުން ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 33 ބިލިއަން ރުފިޔާގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ 52 ބިލިއަން ރުފިޔާގައެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލެމުންދާއިރު ދުނިޔޭގެ މަސްރަހަށް މިހާރު އަންނަމުންދާ އިޤްތިޞާދީ ލޮޅުންތަކާއިއެކު އަންނަ 2023 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު އެބަ އޮތް އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ، ޖޭޕީމޯގަން އިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %122 އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *