ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން އެޅި ފްލެޓްތަކުގައި ކުންފުނީގެ އަމިއްލަ ޚަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކުންފުނިން ނިންމައިފިއެވެ.
އެކުންފުނިން އެގޮތަށް ނިންމާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ބައްދަލުވުމުގައެވެ. ސްޓެލްކޯއިން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމާއި ގުޅޭގޮތުން ބުނެފައިވަނީ ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިރޭ ނިންމާފައިވާ ކަަމަށެވެ.
ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް މިކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިރޭ ވަނީ ނިންމާފައި. pic.twitter.com/qMJm78weOJ
— STELCO (@STELCOMALDIVES) June 4, 2022
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެފައިވީނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކަށް ސެޕްޓެންބަރު މަހު ކަރަންޓްގެ ޚިދުމަތް ދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަޝްރޫއު ކުރިއަށް ދަނީ ބްރައުންސް – ސީއެމްއީސީ ކުންފުންޏާއި ހަވާލުކޮށްގެން ސްޓެލްކޯގެ އެއްބާރުލުމާއެކުގައި ކަމަށެވެ. އެ މަޝްރޫއުގައި ސްޓެލްކޯގެ މަސްއޫލިއްޔަތަކީ އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިންތައް ބަލާ ފާސްކޮށް، ޓެކްނިކަލް ކޮންސަލްޓެންސީ ދިނުންކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން މި ވަގުތު ކުރިއަށް ދަނީ ޑިޒައިންތައް ބަލާ ފާސްކުރުމާއި، މައި ސަބްސްޓޭޝަންގެ އަމަލީ މަސައްކަތްކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މިވަގުތު ހުރި ދަތިތަކާއި އެކު އަމަލީ މަސައްކަތްތައް ލަސްވެފައިވީ ނަމަވެސް ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކަށް ސެޕްޓެމްބަރުމަހު ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.