ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދެނީ

ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދެނީ

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްގީގެ މަސައްކަތްތައް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

ވޯލްޑު ބޭންކުން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އެހީ ރާއްޖެއަށް ދިނުމަށް އެ ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. މި އެހީއަކީ ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އަދި އޭގެ ރައްކާތެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށްދޭ އެހީއެއް ކަމަށެވެ.

ވޯލްޑު ބޭންކުން ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައިވީނަމަވެސް، އިންޓަނެޓްގެ ހިދުމަތް އަތްފޯރާ ފަށުގައި އަދި ފެންވަރު ރަނގަޅު، ހާއްސަކޮށް އަތޮޅުތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި ގާނޫނީ ނިޒާމުގައި ހުރި ފަރަގުތަކުގެ އިތުރުން، ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި ޕްލެޓްފޯމްތަކުގައި ހުރި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް އިންޓަނެޓުގެ ބޭނުން ހިފައި، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ރައްކާތެރިކަމާ އެކު ލިބިގަތުމަށް ދަތިވެފައިވާ ކަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގޮނޑުދޮށްތައް ގިރުން ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުގެ ސަބަބުން ލާމަރުކަޒުކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފުމުގެ ބޭނުންތެރިކަން އިތުރަށް ވަނީ ބޮޑުވެފައިކަން ވޯލްޑު ބޭންކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން، ޖަޒީރާ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރަމުންދާ ކަމަށްވެސް ވޯލްޑު ބޭންކުން ވިދާޅުވެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *