ވަކި ދާއިރާއެއްގެ ބޭފުޅުންގެ މުސާރަ އެކަނި ބޮޑުކޮށްގެން، އަސާސީ ތަކެތީގެ މުދަލުގެ އަގުބޮޑުވުމުން އޭގެ ތަކުލީފް އުފުލަން ޖެހިފައިވަނީ އާންމު ރައްޔިތުންނަށް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއިއެކު ކުއްލިއަކަށް ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުންދާތީ ކުރެއްވި ޓުވީޓެއްގައެވެ. ސަރުކާރުން މުސާރައިގެ އޮނިގަނޑުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ މުސާރަ ބޮޑުކޮށްފައިވަނީ ޓީޗަރުންގެ މުސާރައެވެ.
މިއާއިއެކު ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. ޝައިޚު ޒައިދު ވިދާޅުވީ އެންމެ އަސާސީ ތަކެތީގެ އަގުތައް ބޮޑުވުމަކީ އޭގެ ތަކްލީފް އެތައް ބަޔަކަށް އުފުލަން ޖެހޭ ކަމެއްކަމަށެވެ. އަދި މީގެ ސަބަބުން މުސާރަ ބޮޑު ނުވާ އެކި މުވައްސަސާތަކުގެ މީހުން މިއަދު އުފުލަންޖެހޭ ބުރަވެސް ބޮޑުވެފައިވާކަމަށް ޒައިދު ވިދާޅުވިއެވެ.
ވަކި ދާއިރާއެއްގެ ބޭފުޅުންގެ މުސާރަ ބޮޑުކުރެވި، އެއަށްފަހު، އެ ބޮޑުކޮށްދެވުނު ބަޔަށްޓަކައި އެންމެހާ ރައްޔިތުން ގަންނަ އަސާސީ ތަކެތިން އަގު އުގުލާލީމާ އެޖެހުނީ ކޮންތާކުތޯ؟ އަޅުގަނޑުމެންފަދަ މުސާރަ ބޮޑު ނުކުރެވުނު މީހުންނަށް ޚަރަދު ހައްތާމިވީ އިތުރެއް ނޫންތޯ؟
– ޒައިދު ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުވިތާ އެއްދުވަސް ނުވަނީސް ތަކެތީގެ އަގުތަކަށް އަންނަނީ ބޮޑުވަމުންނެވެ. މިފްކޯއިން އަގަށް ގެނެސްފައިވާ ބަދަލުތަކާއެކު މަސް ކޭހެއްގެ އަގުވަނީ ތެޔޮ މަސްދަޅު ކޭސްއަކުން 150ރ ބޮޑުކޮށްފައެވެ. މީގެ ކުރިން މިފްކޯއިން މަސް ކޭސްއެއް ވިއްކާފައި ވަނީ 610ރ އަށެވެ. އެހެންކަމުން މަސް ދަޅަކުން ގާތްގަނޑަކަށް 3ރ ވަނީ ބޮޑުވެފައެވެ.
ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާއިއެކު ތަކެތީގެ އަގުތަކަށް އުފުލެމުންދާ ނިސްބަތް އިތުރުވަމުންދާތީ ސަރުކާރުން ވައުދު ފުއްދުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތްތަކުގެ ދުވެލި މަޑުޖައްސާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު އެދިވަޑައިގެންފައެވެ.