ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ދިމާވެފައިވާ ދަތިތަކާއި، ގޮންޖެހުންތައް ދެނެގަތުމަށް ކަމާއި ގުޅުންހުރި އެންމެހައި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއިއެކު މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައިވަނީ މިމައްސަލަ ހައްލު ކުރުމަށް ހުރި ގޮންޖެހުންތައް ހިއްސާކޮށްފައެވެ.
ފުލުހުންނާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއިއެކު ބޭއްވި ބައްދަލުވުމުގައި މިމައްސަލަ ހައްލު ކުރުމަށް ހުރި ގޮންޖެހުންތައް އެބޭފުޅުންވަނީ ހިއްސާކޮށްފައެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އުޅޭ ތަނެއް ނޭގުމުގެ މައްސަލަ ކަމަށެވެ. ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ސާފުވިނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި މަސައްކަތުގައި މިމީހުން އުޅޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަކީ އަބަދުވެސް ވަރަށް އަވަހަށް އެއްރަށުން އަނެއް ރަށަށް ދައުރުވާ ބައެއްކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލާގައި ފުލުހުންނާއި، އެލްޖީއޭއިން ވަނީ މިމަސައްކަތަކީ ޤައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ. މިދެ މުވައްސަސާގެ ވާހަތަކަށްފަހު ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ކަމައި ގުޅުންހުރި އެންމެހައި އިދާރަތަށް ކޮމެޓީއަށް ހާޒިރުކޮށް، މިމައްސަލަ ހައްލު ކުރުމަށް އޮތް ގޮންޖެހުންތައް ދެނެގަތުމަށް ހުށަހަޅާފައެވެ.
އަފީފް ހުށަހެޅުއްވީ، އިމިގްރޭޝަނާއި، އިކޮނޮމިކް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީއާއި، އެލްޖީއޭއާއި، ފުލުހުންނާއި، ފިނޭންސް މިނިސްޓްރީވެސް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އަފީފްގެ ހުށަހެޅުމާއި އެއްގޮތަށް، ކޮމެޓީގެ މުޤަައްރިރުވަނީ އަންނަ ހަފްތާގެ ބުދަ ދުވަހު މިއިދާރާތައް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައެވެ.
މިހާރުވެސް ރާއްޖޭގައި ވިސާއާއި ލިޔެކިޔުންތަށް ހަމަނުކޮށް އުޅޭ 60،000 އަށްވުރެ ގިނަ ބިދޭސީން އުޅޭކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.