އިދިކޮޅު ކޯލިޝަނުން މިރޭ ހުޅުމާލޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ހުޅުމާލޭގައި ހުންނަ އިންޑިއާ ހަކޮމިޝަން ދިރިއުޅުއްވާ ފްލެޓް ކައިރީގައި ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވާ މީހުން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެއްވި މީހުން ތިބީ އިންޑިއާ އައުޓް ބެނާތަކާއި ދިދަތައް ހިފައިގެންނެވެ. އިދިކޮޅު ކޯލިޝަނުން މާލޭގައި މިފަހަކަށް އައިސް ހިންގާ އިންޑިއާ އައުޓް ހަރަކާތުގައި ގިނަ ބަޔަކު ހައްޔަރުކޮށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލައެވެ.
މިރޭ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދާއިރު، މީގެ 4 ދުވަހަސް ކުރިން އިންޑިއާއިން ރާއްޖެއަށް ކަނޑައައެޅުއްވި ސަފީރު މުނޫ މަހާވުރު ދިރިއުޅުއްވާ ޢިމާރާތް ކުރިމަތީގައި "އިންޑިއާ އައުޓް" ވަނީ ސްޕްރޭ ކޮށްފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް އިންޑިއާ އައުޓް އަންނަނީ ލިޔަމުންނެވެ. ނަމަވެސް އެ ހަރަކާތަކީ އިންޑިއާ މެދު ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ހިންގާ އަދި ޤައުމީ ސަލާމަތަށް ނުރައްކާހުރި ހަރަކާތެއްކަމަށް ބުނެ ސަރުކާރުން ވަނީ އެހަރަކާތް ހުއްޓުވުމަށް އެކި ގޮތްގޮތުން މަސައްކަތް ފަށާފައެވެ. މިގޮތުން ރައީސް ޞާލިޙްގެ ރިޔާސީ ޤަރާރަކުން ވަނީއެ ހަރަކާތް ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަމަުރުކުރައްވާފައެވެ.
ނަމަވެސް އެ ޤަރާރަށް ގޮންޖަހާ އެ ހަރަކާތް އަންނަނީ ހިންގަމުންނެވެ. މިގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެކޮޅު މާފަންނު ވިލާ، އަދި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ފާރުގައިވެސް ދާދިފަހުން ވަނީ އިންޑިއާ އައުޓް ލިޔެފައެވެ.
އިންޑިއާ އައުޓް ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނެވެ.