” ތިއީ އަހަރެން ލޯބިވީ މީހާއެއްނޫން…އޭނަ ތިހެނެއް ނޫޅޭނެ..” މިއީ ބައެއް ހާލަތްތަކުގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުދިންނާ ދިމާއަށް ބައިވެރިން ބުނެ އުޅޭ ޖުމްލަތަކެކެވެ.
ކުއްލިއަކަށް ނޫނީ މަޑުމަޑުން ލޯބިވެރިޔާގެ މިޒާޖަށް އަންނަ ބޮޑެތި ބަދަލުތަކެއްގެ ސަބަބުން އެއީ ތިމާއަށް އެކަށީގެން ނުޥާ މިހެއްކަމަށް ބުނެ ދުރަށްވެސް ދެވެއެވެ.
އެކަމަކު އެމީހަކަށް އެހެން ދިމާވީ ކީއްވެތޯ ބަލާ އެކަމުން ސަލާމަތްކޮއްދިނުމަކީ އެންމެ އިސްކަމެއް ދޭންޖެހޭނެ ކަމެވެ.
ތިރީގައި އެވަނީ ނަފްސާނީގޮތުން މީހަކު ބަލިކަށިވެއްޖެ ނަމަ އެމީހެއްގެ ފަރާތުން ފެންނާނެ ބައެއް އަލާމާތްތަކެވެ.
- މާބޮޑަށް ކަންތަށްތަކާ ހާސްވެ ކަންތަށްބޮޑުވުން
އާއްމުކޮށް ދިރިއުޅުމުގައި ދިމާވާ ބައެއްކަހަލަ ކުދި ކުދި މައްސަލަތަކާވެސް ކުރިމަތިލާން އެހާލަތުގައި އުދަނގޫވެއެވެ. އަދި އަބަދުވެސް ތިމާއަކީ އެއްވެސް ކަމެއް ރަގަނޅަށް ކުރެވޭނެ މީހެއް ނޫންކަމަށްބުނެ ކޮންމެ ކަމެއްވެސް ދިމާވަނީ ތިމާގެ ސަބަބުންކަމަށްބުނެ ތަފާތު ގޮތްގޮތުން މައްސަލަ ގެނެސް އެމީހަކާ ގުޅުވަން މަސައްކަތްކުރާނެއެވެ.
- ދިރިއުޅުން މަތިން ފޫހިވެ ކަންނެތްވުން
ކުރިން ވަރަށް ބޭނުންވެގެން އަމިއްލަ ހިތްހަމަޖެހުމަށް ކޮށްއުޅޭ ކަންތަށްތަށްވެސް ފޫހިކަންތަށްތަކަށްވެ ނުކުރަން އުޅޭނެއެވެ. އަދި އެކަނި ވަގުތު ހޭދަކުރުމާއި ކަމަކާ ނުލައި ރުއިން އިތުރުވާނެއެވެ. ކަންނެތްކަމާއެކު އަބަދުވެސް ކޮންމެސް ތަނެއްގައި އޮށޯވެ އޮތުން ގިނަވާނެއެވެ. އަދި އެންމެ ލޯބިވާމީހުންނާ ދުރުވެ އެމީހުންނަށް އަޅާލުން ކުޑަވާނެއެވެ. ހަޤީޤަތުގައި ޑިޕްރެޝަންގެ ސަބަބުން އެކަކުވެސް ތިމަންނާދެކެ ލޯބި ނުވެއޭ ހީވެ އޭނަގެ ސިކުޑިއަށް ކުރުވާ އުދަނގޫގެ ސަބަބުން އެހެން ދިމާވަނީއެވެ.
- އަމިއްލަ ނަފްސަށް އަނިޔާ ދިނުން
ނަފްސާނި ގޮތުން ތިމާ ބަލިކަށިވެއްޖެނަމަ ދުނިޔޭއިން ތިމާ ބާކީވެއްޖެ ކަމުގެ އިޙުސާސް ތިމާއަށް ވަރަށްބޮޑަށް ކުރުވާނެއެވެ. އެކަމުގެ ސަބަބުން ތިމާ ހިތްއެދޭ ކަންތަށްތަކުން އެކަހެރި ވުމާއި އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކީ އެންމެ ރަގަޅުގޮތްކަމުގައި ހީވެއެވެ. އަދި އެފަދަ އަމަލުތަކުން ތިމާދެކެ ލޯބިވާ މީހުންނަށް ލިބެނީ ހިތްހަމަޖެހުމާއި އުފާކަމުގައި އެމީހުންނަށް ހީވެއެވެ.
- ފަސޭހައިން ރުޅިއައިސް ރުޅި ގަދަވުން
މިއީ ނަފްސާނީ ބަލީގެ ސަބަބުން ތިމާއަށް ކުރުވާ އަސަރުތަކާއި ހިތްދަތިކަން ފޮރުވުމަށް ބޭނުންކުރާ ހަތިޔާރެކެވެ. ރުޅިއަކީ އެހެން ހުރިހާ އިހުސާސެއް ފަރުދާކޮއްދޭ އެއްޗެއްކަމުން އެމީހުންނަކީ ވަރުގަދަ ބައެއްކަން ދެއްކުމުގެ ގޮތުން ރުޅިއިސްކުރެއެވެ. ރުޅިއައީ ވަކި ކަމަކާ ނޫންނަމަ އެމީހުންގެ މަގުޞަދަކަށްވާނީ ކުރިމަތީގައި ހުރިމީހާއަށް ތިމާގެ އިހުސާސްތަށް ދެނެ ނުގަނެވޭވަރަށް ދެރަކޮށް ހިތުގައި ޖެއްސުމެވެ. އޭރުން ދެމީހުން ހަމަހަމަވީހެން އެމީހުނަށް ހީވެއެވެ.
- ނަފްސަނީ އަދި ޖިސްމާނީ އަނިޔާ ކުރުން
ރުޅީގެ ސަބަބުން އަނެކާ ދެރަކޮއްލުމުގެ މަޤުސަދުގައި އެފަދަ މީހުން ކޮންމެ އެއްޗެއްވެސް ކިޔާފާނެއެވެ. އަނެކާ ހިތް ފަޅައިގެންދާވަރު ގޯސް އިލްޒާމްތަށް އަޅުވާ ރޮއްވާލުމުން އެމީހުންނަށް ހަމަޖެހުންލިބެއެވެ. އަދި އެވަރުން ނުވާނަމަ އަނިޔާކުރުން ނޫނީ ތަދުކޮއްގެންވެސް ހިތުގައި ޖައްސާ ތިއީ އެއްވެސް އާރެއް ބާރެއް ނެތް މީހެއްކަމަށް ދައްކަން މަސައްކަތްކުރާނެއެވެ.
- ބޭރުފުށުން ފެންނަ އަލާމާތްތަށް
މިފަދަ މީހުންގެ ފަރާތުން އާދައިގެ އެހެނަސް ގިނަ އަލާމާތްތަކެއް ފެނެއެވެ. ގިނަ ގިނައިން ބޮލުގައި ރިއްސުން ،ބަނޑަށް އުދަނގޫވުން. ނިދަން އުދަނގޫވުން، ބަރުދަން ލުއިވުން ނޫނީ ބަރުވުން އަދި ހިތް އަވަސްވުން ފަދަ ބައެއް ކަންތަށްތަށް ފެންނާނެއެވެ. މިފަދަ މީހުން އެކަންކަން ފޮރުވާ އުދަނގުލުގެ ވާހަކަ ނުދެއްކުމަށް ވަރަށް މަސައްކަތްކުރާނެއވެ. އެއީ އެމީހުން ޤަބޫލުކުރެވޭ ގޮތުގައި އެމީހުންނަށް އެހީވާން ތިބި މީހުން ތިބެނީ އެފަދަ މީހުންގެ ސަބަބުން އުދަނގޫވެ ރުޅިއައިސްފައެވެ.
ނަފްސާނީ މައްސަލަ ތަކަކީ ދެނެގަނަނަށް އުދަނގޫ އަދި ކުރިމަތިލާން އެހާމެ އުދަނގޫ ކަންތަށްތަކެކެވެ. އެހެން ނަމަވެސް ތިމާގެ ލޯބިވާ މީހެއްގެ ފަރާތުން މިފަދަ މައްސަލަތަކެއް ފެންނަ ނަމަ އެމީހަކު އެހާލަށް ދޫކޮއްނުލާށެވެ. ތިމާއަށް ވެވުނު އެހީތެރިކަމެއްދޭށެވެ. އަދި ޑޮކްޓަރުންގެ ލަފާހޯދައިގެންވިޔަސް އެހީވާށެވެ.