އިސް ރަށްވެހިންނަށް "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނަން: ނާޒިމް

އިސް ރަށްވެހިންނަށް "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނަން: ނާޒިމް

Author
މުޙައްމަދު ޖިމީ
26 މެއި 2022 09:47
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދަވާނެކަމަށް އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕެންޝަންގެ ޤާނޫނުގައި ހުރި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ހައްލުކުރުމަށް އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް މަޖިލީހަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮސްލާފައިވަނިކޮށް، ރޭ އެމްއެންޕީން ބޭއްވި "ރައްޔިތުންގެ އުދާސް" ޖަލްސާގައި ނާޒިމްވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަހަކަފުޅު ދައްކަވާފައެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީ އުފެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ބަޔަކަށް ބަރޯސާނުވެ ހިތްހަމަޖެހިގެން އުޅެވޭ ބަޔަކަށް ހަދައިދިނުންކަމަށެވެ. އެފަދަ ބަޔަކަށް ވުމަށް އިސްރަށްވެހިންނަކީ މިއަދު ފުދުންތެރިބައެއް ނޫންކަމަށާއި، އެމީހުން ވަރަށް ނިކަމެތިވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ދުވަސްވީ މީހުން އަޑުއަހައި އެމީހުންގެ އަޑު އިއްވާނެ ބަޔަކު ބޭނުންވާކަމަށް ފާހަގަކުރައްވާ އިސްރަށްވެހިންގެ ޖަމްޢިއްޔާއާއި ބައްދަލުކޮށް އެމީހުންގެ ވާހަކަތައްވެސް އަހާފައިވާކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާލުވީ އެމްއެންޕީގެ ވެރިކަމެއްގައި އިސް ރަށްވެހިންނަށް ހައްގު މަގާމު ހޯދައިދީ، އިނާޔަތްތައް ހޯދައިދޭނެކަމަށެވެ.

ނާޒިމް ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ފަސް އަހަރުގެ ދައުރަކަށް މެމްބަރުކަން ކުރެއްވުމުން އެތައް ބައިވަރު އިނާޔަތްތަކެއް ލިބޭކަމަށާއި، މެމްބަރުންނަށް އިނާޔަތްތައް ހަމަޖައްސަން ވުމުން ފައިސާގެ ދަތިކަންވެސް ނޯންނަ ކަމަށެވެ. ނަމަވެސް އެ ފައިސާ މެމްބަރުންނަށް ދިނުމާ ދެކޮޅުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މެންބަރުންނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރުމުން އޮފިޝަލް ޕާސްޕޯޓަކާއި ޕެންޝަން ލިބޭ ކަމަށާއި އެކަމަކު އެއީ ބޭނުންވާ އެއްޗެއް ނޫން ކަމަށާއި، އެމްއެންޕީން ބޭނުންވަނީ ހިދުމަތުގައި ތިބި މީހުންނަށް އެ ފައިސާ ލިބުމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެމްއެންޕީގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" އުފައްދަވާނެ ކަމަށާއި، އެކަމުގެ ބޭނުމަކީ އުފާވެރިކަމާ އެކު ތިބެވޭނެ ގޮތެއް ހަމަޖައްސައި، އިސް ރަށްވެހިންނާ އެކު މަސައްކަތްކުރުންކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން މަޖިލީހަށް ހުށައެޅި ޕެންޝަނާއި ބެހޭ މައްސަލަ ބޭރުކޮށްލުމުން އެޕާޓީން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.