ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހި ނަމެއް ދިނުމަށް ދިވެހި ބަހުގެ އެކަޑަމީއިން ނިންމަވައިފިއެވެ.
ދިވެހި ބަހުގެ އެކަޑަމީއިން މީޑިއާތަކަށް ފޮނުވާގައިވާ އެންގުމެއްގައިވަނީ މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހިބަހުން ބޭނުންކުރާނީ މަކުނު ވިދުރިކަމަށެވެ. އެހެންކަމުން މިބައްޔާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިނަން ބޭނުންކުރުމަށް އެކަޑަމީއިންވަނީ އެދިފައެވެ.
މަންކީޕޮކްސް ނުވަތަ މަކުނު ވިދުރިއަކީ ކަށިވިދުރި ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހަކުން ފެތުރެމުންދާ ބައްޔެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ދުނިޔޭގެ 3 ސަރަޙައްދަކުން މިބަލި މިހާރު ފެނިފައިވާއިރު ޔޫރަޕްގެ ޤައުމުތަކުންވެސް ބަލިވަނީ މިހާރު ފެނިފައެވެ. މީގެތެރޭގައި ބައެއް ޤައުމުތަކުގައި ބަލި ޖެހުނު މީހުންނަށް ބަލި ޖެހުނުގޮތް އަދި ދެނެގަނެވިފައެއް ނުވެއެވެ.
ޢާއްމުކޮށް ރާއްޖެއަށްވެސް ގިނަ ފަތުރުވެރިން އަންނަ ބައެއް ޤައުމުތަކުގައި މިބަލި ފެތުރެމުން އަންނައިރު ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އެބައޮތެވެ. އެޗްޕީއޭއިން އަންނަނީ ކަބަލި އަންނާނެ ޙާލަތަކަށް ތައްޔާރުވަމުންނެވެ. އަދި ޢާއްމުންގެ ކިބައިން އެންމެބޮޑަށް އެދެނީ ބައްޔާބެހޭ ސައްޙަ މަޢުލޫމާތު ހޯދައި ބައްޔާމެދު ފަރުވާތެރިވުމަށެވެ.
ބަލިޖެހުމުން އެންމެ ފުރަތަމަ ހުން އައިސް ގައިގައާއި ބޮލުގައާއި ކަރުގައި ރިއްސާ ފަތިކޮށް ހުންނަ ބިހިތަކެއް ނަގައެވެ. އެއަށްފަހު ފޮޅުތަކަށް ބަދަލުވެ ގައިގެ ބައެއް ތަންތަނުގައި ގޮށްލައެވެ. މިބަލީގެ އިންފެކްޝަސް މުއްދަތު ގައިންގަޔަށް އަރާ އެހެން ބަލިތަކަށްވުރެ ދިގެވެ. އެހެންކަމުން ހުންއަންނަ މުއްދަތުން ފެށިގެން ގައިގައި ނަގާ ފޮޅުތައް އެއްކޮށް ރަނގަޅުވުމާއި ހަމައަށް އެމީހާއާއި ބައްދަލުވާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ.