ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ސަދާ ސައުދުﷲގެ ކޭސް ތަހްގީގްކޮށް ނިންމައި، އެ ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިންވެސް ނިންމައިފިއެވެ.
މި މައްސަލަ މީގެ ކުރިން ހެލްތު މިނިސްޓްރީން ތަހްގީގްކުރުމަށްފަހުވެސް ވަނީ އެކަމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަށް ނިންމާފައެވެ. މި މައްސަލަ އެޗްއާރުސީއެމް އިންވެސް ތަހްގީގްކުރުމަށްފަހު ނިންމީ ހޮސްޕިޓަލުގެ އިހްމާލު އޮތްކަމަށެވެ. މި މައްސަލަ އެޗްއާރުސީއެމް އަށްވެސް ހުށައެޅީ ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. މި މައްސަލަ ތަހްގީގްކުރުމަށްފަހު އެޗްއާރުސީއެމް އިން، ކުއްޖާގެ ބައްޕަ ސައުދުﷲ ޙަސަނަށް ފޮނުވި ސިޓީގައި ވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށްވެސް ކުއްޖާގެ ބައްޕައަށް އެޗްއާރުސީއެމް އިން ފޮނުވި ސިޓީގައިވެއެވެ.
މި މައްސަލަ ކުރިމަތިވުމުން ކަމަ ގުޅުންހުރި އިދާރާތަކުން ފިޔަވަޅު އެޅިނަމަވެސް ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ކުއްޖާ މަރުވެފައި އޮތްކަން ފެންނަން އޮތުމުން އެކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮންނާނެކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އުމުރުން ފަސް އަހަރުގެ ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދައަށް ހޮޑުލާތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ގެންދިޔައީ ފުވައްމުލަކުގެ ފްލޫ ކްލިނިކަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، އެ ކްލިނިކަށް ދިޔަ ފަހުންވެސް ކުއްޖާގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ކުއްޖާ ވަނީ ހޮސްޕިޓަލަށް ފޮނުވާފައެވެ.
ސަދާ ނިޔާވީ އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި، އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކުރެއެވެ. އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީ އަށް ހުށަހެޅިއެވެ. އެ މިނިސްޓްރީގެ ރިޕޯޓުގައިވެސް ވަނީ އެ ކުއްޖާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ