އަލިފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފި

އަލިފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
23 މެއި 2022 11:15
0

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއްފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ އޮގަސްޓްމަހަށް އެއަރޕޯޓްގެ މަސައްކަތް ނިންމާލުންކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގއަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއަކާއެކުއެވެ. މިއީ ރ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.