ދުނިޔޭގެ ގައުމުތައް އިގްތިސާދީގޮތުން ކުރިއަރައިގެން އައިގޮތާއި، އަދި އަދުގެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކަށް ފުރިހަމަޔަށް ނަޒަރެއް ހިންގާލާއިރު ފެންނާން އޮތް އެންމެ ބޮޑު އެއް ހަގީގަތަކީ މިގައުމުތަކުގެ އެތެރޭގެ ސުލްހަ މަސަލަސްކަމާއި، ގައުމުތަކަށް ލިބިގެން ގޮސްފައިވާ އިގުތިސާދީ ކުރިއެރުންތަކާއި ގުޅުން އޮތް މިންވަރެވެ. އަދި އެ ގައުމުތަކަކީ، ޑިމޮކްރަސީގެ އުސޫލުން ގައުމުތަކުގެ ވެރީންވެސް އިންތިޚާބު ކުރަމުން އަންނަ، އަދި ސިޔާސީ ހަމެޖެހުންވެސް ގައުމުތަކުގައި އޮތް ގައުމުތައްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން ބަލާއިރު ދުނިޔޭގެ މިއަދު އެންމެ ކުރިއަރާފައިވާ ޔޫރަޕާއި ހުޅަގު އަދި އޭޝިއާގެ ބައެއް ގައުމުތަކަށް ނަޒަރެއް ހިންގާލާއިރު، އަދިވެސް ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދެއްގެ ގޮތުގައި ފެންނާން އޮތީ އެމެރިކާގެ އިގްތިސާދެވެ. އަދި ދެވަނައަށް އެންމެ ބޮޑު އިގްތިސާދެއްގެ ގޮތުގައި ޗައިނާ އޮތްއިރު، އިގްތިސާދީގޮތުން ދުނިޔޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމުތަކުގެ ލިސްޓުން ތިންވަނާގައި އޮތީ ޖަޕާންއެވެ. ޖަޕާންއާއިޖެހިގެން ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދެއް އޮތް ގައުމަކީ ޖާރމަނީއެވެ. އެއަށްފަހު އިނގިރޭސި ވިލާތެވެ.
ގައުމުތަކަށް އަންނަ ތަހުޒީބާއި ތަމައްދުނާއި އަދި އާންމު ފަރުދުންގެ ފުދުންތެރިކަންވެސް ސަރުކާރުތަކުގެ އިގްތިސާދީ ފުދުންތެރިކަމާއި ގުޅިލާމެހިގެންދާއިރު، އިގްތިސާދީ ގޮތުން ހަމަޖެހުން ހޯދާފައިވާ ގިނަ ގައުމުތަކަކީ، އެގައުމުތަކުގެ އެތެރޭގައ އޮތް ސިޔާސީ ވާދަވެރިކަން ހައްދުން ނެއްޓި އެއީ ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެގެން ގޮސްފައި ނުވާ ގައުމުތައްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން އޭޝިއާގެ ބައެއް ގައުމުތަކަށް ބަލާއިރު، މީގެ އެންމެ ފުރިހަމަ އެއް މިސާލެއް އޮތް ގައުމަކީ ޖަޕާން ކަމުގައި ދެންނެވިދާނެއެވެ. ޖަޕާންއަކީ އެގައުމުގައި ބަރުލަމާނީ ނިޒާމެއް އޮތް ގައުމެކެވެ. އަދި އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުން ވާދަކުރި ނަމަވެސ،ް އެގައުމަކީ، އިންތިޚާބުތަކާއި ދިމާކޮށް އެއްވެސް ބާވަތެއްގެ ސިޔާސީ ދެކޮޅުވެރިކަމެއް ފެންނާން އޮތް ގައުމެއް ނޫނެވެ. އަދި އިންތިޚާބުތަކަށްފަހު ވެރީން ބަދަލުވަމުން އައި ނަމަވެސް، އެގައުމަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކުގެ މިސްރާބުތަކަށް ބަދަލު ނުގެންނަ، ދުނިޔޭގައި މިވަގުތު އިގްތިސާދީގޮތުން އެންމެ ބޮޑު ހަމަޖެހުމެއް އޮތް އެއް ގައުމެވެ.

ގައުމުތައް އަހުލީ ހަގުރާމަތަކުގެ ތެރެއަށް އަރަގްވެ ދިޔައީ އެތެރޭގެ މަސްލަހަތު ނުދެމެހެއްޓިގެން!
ދުނިޔޭގައި މިވަގުތު އެންމެ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި އޮތް އެއް ބައްރަކީ އަބަރި ދުނިޔެ ކަމުގައި ދެންނެވިދާނެއެވެ. އަދި އަރަބި ދުނިޔެއިން މީގެ އެންމެ ފުރިހަމަ މިސާލުތައް ފެންނާން އޮތީ އިރާގް އަދި ސީރިއާފަދަ ގައުމުތަކުންނެވެ. މި ގައުމުތަކަކީ، ގައުމުތަކުގެ އެތެރޭގެ މަސްލަހަތު ނުދެމެހެއްޓި، އެކި ގަބީލާތަކާއި ޖަމާއަތްތަކުގެ ޚިޔާލު ފަތާތުވުންތައް ބޮޑުވެ، ގައުމުގެ އެތެރޭގައި އަހުލީ ހަގުރާމަތައް ފެށުނު ގައުމުތަކެވެ.
އަދި މި އަހުލީ ހަގުރާމަތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ބޭރުގެ ބާރުތަކަށް މި ގައުމުތަކުގެ އެތެރޭގެ ކަންކަމަށް ބަސްބުނުމުގެ ފުރުސަތު އޭގެ އިންތިހާއަށް ހުޅުވިގެން ދިއުންވެސްމެއެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދެމެހެއްޓުމަށް ރަޝިއާގެ އެހީތެރިކަން ހޯދުން ނޫން އެހެންމަގެއް ސީރިއާގެ ސަރުކާރަށް މިއަދު ފެންނާކަށް ނެތެވެ.
ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ، ރަޝިއާއިން މިއަދު ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށި ފެށުމަށްވެސް އެއްވެސް އުޒުރެއްނެތި ތާއީދުކުރުމަށް ސީރިއާއަށް މަޖުބޫރުވެފައި އޮންނަ އޮތުމެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، އެގައުމުގެ މިއަދު އޮތީ ރަޝިއާގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ.
ހަމަ އެފަދައިން، އިރާގަކީވެސް، ސައްދާމް ހުސެއިންގެ ވެރިކަން، އަރަބި ގައުމުތަކުގެ އެހީތެރިކަމާއެކު އެމެރިކާއިން އިސްވެ އޮވެ ވައްޓާލުމަށްފަހު، ބޭރުގެ ބާރުތަކުން އެގައުމުގައި ގާއިމްވެ ތިބި ގައުމެކެވެ. އިރާގްގެ ތެލުގެ މުއްސަދިކަމާއި، އަދި ބޭންކުތަކުގެ މުއާމަލާތުތަކަށް އެންމެ ބޮޑަށް ބަސްކިޔަމުންދާ އެއްގައުމަކީ މިއަދު އެމެރިކާއެވެ. ސައްދާމް ހުސެއިންގެ ވެރިކަން ވެއްޓި ދިޔަތާ 19 އަހަރު ފާއިތުވެގެން ގޮސްފައިވާއިރުވެސް، އިރާގަށް ހަމަޖެހުމެއް އައިސްފައެއް ނުވެއެވެ. އަދި މިއަދާއިހަމައަށްވެސް އެމެރިކާގެ އަސްކަރީ ބޭސްތައް އެގައުމުގައި ގާއިމްކޮށްފައި އެބަ ހުއްޓެވެ.

އަރަބި ބައެއް ގައުމުތަކޭ އެއްފަދައިން، އެފްރިކާ ބައްރުގެ ބައެއް ގައުމުތަކަކީވެސް، ގައުމުތަކުގެ އެތެރޭގެ އެކި ފިކުރުގެ އެކި ޖަމާއަތްތަކުން ވެރިކަން ހޯދުމަށް ކޯޅޭ ކޯޅުންތަކާއި، ހިންގާ ބަޢާވާތްތަކުގެ ނަތީޖާއެއްގެ ގޮތުން، ގައުމަތުގެ އެތެރޭގެ މަސައްހަލަތުތައް ގެއްލި، އިގުތިސާދުތައް އިނދަޖެހި، ރައްޔިތުންނަށް ނިކެމެތިކަމާއި ފަގީރުކަން ކުރިމަތިވެފައިވާ ގައުމުތަކެވެ.
ރާއްޖޭގައި ސިޔާސީ ފަރާތްތަކުގެ މެދުގައި އަބަދުވެސް ކޯޅުން!
ދުނިޔޭގެ ޗާޓުގައި ރާއްޖެ ހިމެނިފައިވާ ސަރަހައްދު ކަމުގައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ އިގްތިސާދެއް އޮތް، އަދި ސިޔާސީ ހަމަނުޖެހުންވެސް އެންމެ ބޮޑު އެއް ގައުމަކަށް ފެންނާން އޮތީ ރާއްޖެއެވެ.
މިގޮތުން ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އުފެދިފައި އޮތްއިރު، މިސިޔާސީ ޕާޓީތައް ފާހަގަވެގެން ގޮސްފައިވަނީ، ގައުމީ މަސްލަހަތާއި ގުޅުން އޮންނަ ކަންކަމުގައިވެސް އެއްގަލަކަށް ނާރާ ޕާޓީތަކުގެ ގޮތުގައެވެ. ސިޔާސަތުތަކަށް ފާޑު ކިއުމާއި، އަދި ސިޔާސަތުތައް އެކުލަވާލުމުގައިވެސް ސިޔާސީ ޕާޓީތަކުގެ އެންމެ ފުރަތަމަ އަމާޒަކަށް ވެގެން ގޮސްފައިވަނީ ދެކޮޅުވެރިކަމެވެ.
ނަތީޖާއަކަށް ވެގެން ދަނީ، ސިޔާސީ ޕާޓީތަކުގެ މި ދެކޮޅުވެރިކަމުގެ ހިޔަނި ގައުމުގެ އިގްތިސާދަށް އެޅިގެން ދިއުމެވެ. އިންވެސްޓަރުންނަށް އެކަށީގެންވާ މާހައުލެއް ގައުމުގައި ނެތުމެވެ. ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ލޯން ދޫކުރުމަށް ގައުމުތަކާއި މާލީ އިދާރާތަކުން ފަސްޖެހުމެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، އެއް ސަރުކާރުން އަނެއް ސަރުކާރަކަށް ރުޖޫޢުވުމަށްފަހު، މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިޔަށް ދާނޭކަމުގެ ޔަގީންކަން ނެތުމެވެ.
އަދި މި ހުރިހާ ގޮންޖެހުންތަކަށްވުރެވެސް ބޮޑަށް، ރާއްޖޭގައި މިއަދުއޮތް ސިޔާސީ ދެކޮޅުވެރިކަމުގެ ތެރެއިން ފެންނާން އޮތް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވާން އޮތީ، ރާއްޖޭގެ ސިޔާސީ ކޯޅުމުގެ ތެރެއަށް ޚާރިޖީ ގުޅުންތައް ވައްދާ، ބޭރުގެ ގައުމުތައްވެސް މިއަދު މި ދެކޮޅުވެރިކަމުގެ އަސްލަކަށް ވެގެން ގޮސްފައި އޮތް އޮތުމެވެ.

އިދިކޮޅު ފަތާތްތަކުން ދެކޭ ގޮތުގައި އިންޑިއާވަނީ ރާއްޖެ އަސްކަރީގޮތުން އަޅުވެތި ކޮށްފައެވެ. އިދިކޮޅު ޕީޕިއެމްގެ ބައެއް އެކްޓިވިސްޓުންގެ ސިކުނޑީގައި މިއަދު ވަނީ މިމަންޒަރު ބިންވަޅު ނެގިފައެވެ.
ހަމައެއާއެކު، އިންޑިއާއަކީ މިއަދު މިސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާވެސް މެއެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މިވަގުތު އޮތް ސިޔާސީ ދެކޮޅުވެރިކަމުގެ އަސްލަކަށް އިންޑިއާވެ، މިދެކޮޅުވެރިކަމުގެ ޝިކާރައަކަށް މިއަދު ވެގެން ގޮސްފައިވާތަން ފެންނަމުންދަނީ ރާއްޖޭގެ ޚާރިޖީ ގުޅުމެވެ. އަދި އިދިކޮޅު ފަރާތްތަކުން ދެކެމުން ދަނީވެސް މިއީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ ދިރުން ކަމުގައިވެސްމެއެވެ.
ހުރިހާވެސް ގެއްލުމެއް ގައުމަށެވެ. ގައުމުގެ އިގްތިސާދަށެވެ. ރައްޔިތުންނަށެވެ.
ކޮމެންޓު ފޮނުވާ