އެޗްޑީސީގެ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް: %20 އަންހެނުންނަށް ހާއްސަ!

އެޗްޑީސީގެ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް: %20 އަންހެނުންނަށް ހާއްސަ!

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ 2022 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު އިއުލާންކޮށްފިއެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީގެ 5 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 100 ބައިވެރިންނަށް އަދި އެޗްޑީސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދޭނެކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުނިން ބުނީ ޕްރޮގްރާމްގައި އަންހެން ބައިވެރިންގެ ހިއްސާ އިތުރުކުރުމަށް އަދި ފުރުސަތު ތަނަވަސް ކޮށްދިނުމަށް މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ %20 ޚާއްސަ ކުރެވިފައިވަނީ އަންހެން ބައިވެރިންނަށް ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެޗްޑީސީން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާ އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ޕްލަމްބިން، ކާޕެންޓަރ، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން މެކޭނިކް، ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރ އަދި ބިލްޑިންގް މެއިންޓަނެންސް ދާއިރާވެސް ހިމެނެއެވެ. 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލްވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް އެޗްޑީސީން ބުނެއެވެ. މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން 6 ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިންގ ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނީ އެކުންފުނީގެ އެޕްރެންޓެންސިޕް ޕްރޮގްރާމުގެ މަޤްޞަދަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުން ކަމަށެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވަލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމަކީވެސް އެކުންފުނީގެ މަޤްޞަދެކެވެ.

މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެޗްޑީސީގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެ ކުންފުނީން ކުރާނެކަމަށް އެޗްޑީސީން ވަނީ ބުނެފަވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *