ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ފޮނުވާލުމަށް މިސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ނަމަވެސް އެމަނިކުފާނު މިފަސްގަނޑުން ކުރެވެން އޮތް ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުން ނުވާކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލު ކުރުމަށް މިސަރުކާރުގައި އެދުމުން، ސަރުކާރުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ޑރ.މުއިއްޒު ވިދާޅުވީ މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ޖަލަށް ވަޑައިގެން އެމަނިކުފާނުގެ އަރިހުގައި ބޭރަށް ދިއުމަށް އާދޭސް ކުރަމުންދާކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ހުންނެވީ މިސަރުން ދައްކާ ބިރަކަށް ދޭ އިންޒާރަކަށް ފަސް ޖެހުމެއްނެތި ކުރިއަށް ވަޑައިގަތުމުގެ އަޒުމުގައިކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނު ބޭނުންވަނީ ރާއްޖެއިން ފަރުވާ ހޯއްދަވައި، ގޭގައި ހުންނެވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އަމިއްލަ ފުޅު ގެއަށް ބޭސްފަރުވާ ހޯއްދެވުމަށް ބަދަލު ކުރެއްވުމަށް ކެރި ވަޑައި ނުގަންނަވާ ސަބަބެއް ހަމަ އެއްވެސް ވަރަކަށް ނުވިސްނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުން އިރު އިރުކޮޅާ ރައީސް ޔާމީންނާއި ބައްދަލުކުރަން ޖަލަށް ވަޑައިގެން އެކި ލިޔުން ދައްކައިގެންވެސް ރާއްޖެއިން ބޭރަށް ފޮނުވާލެވޭތޯ ދަނީ މަަސައްކަތް ކުރަމުން. އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރަށް ދާ ގޮތަކަށް ނޫން.
– ޑރ. މުޙައްމަދު މުއިއްޒު
ރައީސް ޔާމީން ރާއްޖެއިން ބޭރުން ހައްދަވަންޖެހޭ ޓެސްޓެއް ހެދުމަށް ބޭރަށް ދިއުމަށް ފުރުޞަތު ދެއްވިކަމަށާއި، ނަމަވެސް އެމަނިކުފާނު އެކަން ބޭނުންފުޅުނުވެ އެދިވަޑައިގަންނަވަނީ ގެއަށް ބަދަލުވެވަޑައިގަންނަވަން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ދާދިފަހުން ވިދާޅުފައެވެ.
ޚުދު މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ބައްދަލުކުރައްވައި، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ފުރުޞަތު އޮތްކަމުގައި ދެންނެވިކަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އަދި ބޭނުންފުޅު ޤައުމަކަށް މިސަރަހައްދުން ވަޑައިގަތުމަށްވެސް ފުރުޞަތު ދެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ޓެސްޓް ހެއްދެވުމަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ ގެކޮޅަށް ބަދަލުވާންކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ