އަދުގެ ބަވަނަ ވެފައިވާ ދުނިޔޭގައި، ދޭދޭ ގައުމުތަކުގެ މެދުގައި ބާއްވަންޖެހޭ ގުޅުމާއި، އަދި އެގުޅުމުގެ މައްޗަށް ތަސައްރަފް ފުދިގެންދާ އެންމެހާ ކަންކަމުގެ އަސާސަކީ ގައުމުގެތަކުގެ ސަރުކާރުތަކުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތުތަކެވެ. އަދި މިސިޔާސަތުތައް ތަންފީޒު ކުރުމުގެ ގާނޫނީ މަސްއޫލިއްޔަތާއި ހަވާލުވެފައި އޮންނަކީ ގައުމުތަކުގެ ޚާރިޖިއްޔާއެވެ. ނުވަތަ ފޮރިންގ ސާރވިސްއެވެ.
މިގޮތުން ބަލާއިރު، މިނިވަން މުސްތަގިއްލު ގައުމެއް ކަމުގައިވާނަމަ، މިނިވަންކަން ހިމާޔަތްކުރުމުގައި ދެ އަޑަނައެއް އޮވެއެވެ. އެއީ ގައުމުތަކުގެ އަސްކަރިއްޔާއާއި، ޚާރިޖިއްޔާއެވެ. އަސްކަރިއްޔާއަކީ، ކަނޑިއައި، ބަޑިން އަދި އެމީހުންގެ ޖާނުން ގުރުބާންވެގެން ދިނާއި ގައުމުގެ ދިފާޢުގައި ހަނގުރާމަކުރަން ތައްޔާރަށް އޮންނަ ލަޝްކަރެކެވެ. އަސްކަރީ ގޮތުންނާއި އަދި އެނޫން ގޮތްގޮތުންވެސް ގައުމީ ސަލާމަތަށް ނުރައްކަލެއް ފޯރާފާނެފަދަ ހާލަތެއް މެދުވެރިވޭތޯ ތާއަބަދަށް ފާރަލާ ބަލަން އޮންނަ ލަޝްކަރެކެވެ.
ހަމަ މިބީދައިން، ގައުމުގެ ސިލްމާއި ސަލާމަތުގެ ދިފާއުގައި، އަސްކަރިއްޔާއެކޭ އެއްފަދައިން، ގައުމީ ސަލާމަތު ރައްކާތެރި ކޮށްދީ، ގައުމަށް އުދުވާނެއް ކުރިމަތިވެގެން ދިޔަނުދިނުމަށްޓަކާ، ދޭދޭ ގައުމުތަކާއެކީ ބާއްވަންޖެހޭ ގުޅުންތައް ރަގަޅުކޮށް، މައްސަލަތައް ހައްލުކޮށްދީ، ކުރިމަތިވެދާނެ ނުރައްކަލެއްގެ އެއްވެސް އިޝާރާތެއްވޭތޯ ފާވަރެވިވެ، ގައުމަށް ޚިދުމަތް ކުރުމުގައި މެދުނުކެޑި ދެމިއޮންނަ ޚިދުމަތަކީ ޚާރިޖީ ޚިދުމަތެވެ. އަދި މި ޚިދުމަތް ފާހަގަކުރަން ޖެހެނީ، ގައުމުގެ ދިފާއީ ބާރެކޭ އެއްފަދައިން، ދީން ހިމާޔަތް ކޮށްދީ، ގައުމުގެ މިނިވަންކަމުގެ ދިފާއުގައި، ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ދެމިއޮންނަ ޚިދުމަތެއްގެ ގޮތުގައެވެ. ގައުމުގެ ފަޚުރާއި ޝަރަފް ދަމަހައްޓާދީ، މިނިވަންކަމާއެކު ގައުމީ ދިދަ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވިހުރެމުންދާނީ، ޚާރިޖީ ދައިރާގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގައުމަށް ޚިދުމަތް ކުރަމުންދާ ޚިދުމަތްތެރީގެ މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މި ސަބަބަށްޓަކާ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް، ޚާރިޖީ ޚިދުމަތް އަބަދުވެސް ބެލެވިފައި އޮންނަނީ ގައުމުގެ މިނިންވަންކަން ހިމާޔަތް ކޮށްދޭ ދިފާއީ އައްޑަނައެއްގެ ގޮތުގައެވެ. އެޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ، އަމިއްލައާއި އާއިލާއާއި ނުހަނު ދުރުގައި ތިބެގެން، 24 ގަޑިއިރުގެ ގައުމީ ޚިދުމަތުގައި ދެމިތިބޭ، ދައުލަތުގެ މުވައްޒަފުންނެވެ. ދީނާއި ގައުމު ހިމާޔަތް ކޮށްދީ، ގައުމަށް ބޭނުންވާ މަދަދާއި އެހީތެރިކަން ހޯދާދީ، ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ ނަންދިރުވާ ދެމެހެއްޓުމަކީ އެ މުވައްޒަފުންގެ އެންމެ އިސް ގާނޫނީ ވާޖިބެވެ.
ފޮރިންގ ސާރވިސްއަކީ ގައުމުގެ ފަސްޓް ލައިން އޮފް ޑިފެންސް ކަމުގައި ވެގެންދަނީ މި ސަބަބުތަކަށްޓަކައެވެ.
ފޮރިން ސާވިސްގެ ޚިދުމަތުގެ ބިލާއެކު ޚާރިޖީ ޚިދުމަތް އާ އުސްމިނަކަށް!
ދިވެހި ތާރީޚުގައި މުޅިން އަލަށް ފޮރިން ސަރވިސް ވަކި ގާނޫނަކުން ރެގިއުލޭޓް ކުރަން ފަށާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. އެއީ 2021ވަނަ އަހަރުގެ އޮކުޓޯބަރު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެއަހަރުގެ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހު، ރައީސުލްޖުމުހޫރިއްޔާ ތަސްދީގު ކުރެއްވި، ދިވެހިރާއްޖޭގެ ފޮރިންގ ސާރވިސްގެ ގާނޫނެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާރވިސްގެ ގާނޫނަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގާ ތަންފީޒުކުރުމަށް ފޮރިންގ ސާރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ގާއިމްކޮށް، އެޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިންގ ސާރވިސް ހިންގުމާއި ގުޅޭ އުސޫލުތަކާއި، އެ ސާރވިސްގެ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
އަދި މިގާނޫނަށް އަމަލި ކުރެވެން ފެށުމާއެކު، "ދިވެހިރާއްޖޭގެ ފޮރިންގ ސާރވިސް"ގެ ނަމުގައި ދިވެހި ސިވިލް ސާރވިސްގައި ނުހިމެނޭ ވަކި ޚިދުމަތެއް ގާއިމް ކުރެވިގެން ދިޔައީއެވެ. މިގޮތުން ފޮރިންގ ސާރވިސް އެކުލެވިގެންވަނީ، ފޮރިންގ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މިޤާނޫނުގެ ދަށުން އެކުލަވާލާ ފޮރިންގ ސާރވިސްގެ މައްޗަށްކަމަށް މިގާނޫގައި ބަޔާން ކޮށްފައި ވެއެވެ.
މިގޮތުން، ޚާރިޖީ ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ، އެހެން ބައެއް ދާއިރާތަކާއި ޚިލާފަށް، މަސައްކަތުގެ ގޮތުންނާއި އަދި އަދާކުރަންޖެހޭ ޒިންމާތަކުގެ ގޮތުން ތަފާތު، އަދި ބޭރުދުނިޔެއާއި ބާއްވަންޖެހޭ އެކިއެކި ގުޅުންތައް ދަމަހައްޓާ، ގައުމީ ސަލާމަތާއި ގުޅުންހުރި ނާޒުކު އަދި އެހާމެ ބުރަ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ ބަޔަކަށް ވާތީ، ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭވެސް އެއްފަދަދައިން، މިއީ ވަކި ގިންތިއަކަށް ފެތޭ ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެއްސުމުގެ ވިސްނުމަކީ ވަރަށް ދިގު މުއްދަތަކަށް ޚާރިޖީ ޚިދުމަތުގެ ތެރޭގައި މުހިންމުކަމެއްގެ ގޮތުގައި ދެކެމުން ގޮސްފައިވާ ކަމެކެވެ.
ސަބަބަކީ ޚާރިޖީ ޚިދުމަތަކީ ސިވިލް ސާވިސްގެ ޚިދުމަތެއްގެ ގޮތުގައި އެކަށައެޅިފައި އޮތުމުން، މި ޚިދުމަތުގައި ދެމި ތިއްބަވާ މުވައްޒަފުން ގިންތި ކުރުމާއި، އަދި އެމުވައްޒަފުންނަށް މަސައްކަތާއި އެކަށޭނެ އުޖޫރައާއި އިނާޔަތްތައް ދިނުމާއި، މަސައްކަތުގެ މާހައުލުގައި އުފުލަންޖެހޭ ގާނޫނީ ޒިންމާތަކާއި މަސައްކަތުގެ ވަގުތުތައް މެނޭޖުކުރުމާއި އަދި މިހެންގޮސް މަސައްކަތުގެ ޒިންމާއާއި ގުޅުންހުރި އެތައްކަމެއްގައި ކުރިމަތިވެފައި އޮންނަ ގޮންޖެހުންތަކާއި ހުރަސްތަކެވެ.
މިގޮތުން، ވަކިން އެކުލަވާލެވިފައި އޮންނަ ފޮރިން ސަރވިސްއެއް، އެއީ ވަރަށް މި ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ވަރަސްގިނަ މުވައްޒަފުން ވަރަށް ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެކެވެ. އަދި މިހުވަފެން ހަގީގަތަކަށް ހެދުމަށް ފާއިތުވެ ގިނަ އަހަރުތަކުގައި، ޚާރިޖީ ވަޒީރުކަން ކުރައްވާގައިވާ ގިނަ ވަޒީރުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ފޮރިންގ ސާރވިސް ވަކި ޚިދުމަތެއްގެ ގޮތުގައި އެކަށައެޅުުމުގެ ވިސްނުމުގެ ހަގީގީ ބިންގާ ނުވަތަ އެ ތަސައްވުރު އެންމެ ފުރަތަމަ ގެންގުޅުއްވާފައިވަނީ ދިވެހި ޚާރިޖިއްޔާގައި އެންމެ ގިނަ ދުވަހު، ވަރަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޚާރިޖީ ވަޒީރު އަލްއުސްތާޛް ފަތުޙުﷲ ޖަމީލުކަން މިފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.
ފަތުހުﷲ ޖަމީލްއަކީ ދިވެހިރައްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރައްވަފައިވާ، އަދި ޚާރިޖީ ދާއިރާއަށް އެންމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ފަރާތެވެ. މިގޮތުން، ދިވެހިރާއްޖެއިން ތަންފީކުރަމުންދާ، ވަކިއަތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތުގެ ހަގީގީ ބިންގާ އަޅުއްވާ ދެއްވަފައިވާ، މިޒަމާނުގެ ދިވެހި ޚާރިޖީ ސިޔާސަތުގެ އެއް ބާނީގެ ގޮތުގައިވެސް، ޚާރިޖީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ފާހަގަ ކުރައްވަނީވެސް ފަތުހުﷲ ޖަމީލްއެވެ.
ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް، ގިނަ ކުރިއެރުންތަކެއް!
ދިވެހި ޚާރިޖީ ދައިރާގެ މުވައްޒަފުން ދިގު މުއްދަތަކަށް ދެކެމުން އައިސްފައިވާ، ވަކިވެފައިވާ ފޮރިންގ ސާވިސްއެއްގައި ޚިދުމަތް ކުރުުގެ ހުވަފެން ހަގީގަތަކަށް ވެގެން ދިއުމާއެކު، މި ޚދުމަތުގެ މަސައްކަތްތައް އިތުރަށްހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މިހާރުގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ފޮރިން ސަރވިސްއިން މިއަދު ދެކެމުން މިދަނީ ދިވެހި ޚާރިޖިއްޔާގެ 128 އަހަރުގެ ހަޔާތުގައި ކުރިން ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެއް ކަމުގައެވެ. މިގޮތުން، ޝާހިދު ފާހަގަ ކުރައްވާފައިވާ ގޮތުގައި، އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައިވާ އެންމެބޮޑު ކާމިޔާބީއެވެ.
އަދި މީގެ އިތުރުން، ފޮރިންގ ސާވިސްގެ ގާނޫނު ވުޖޫދުވެ، އެ ގާނޫނަށް އަމަލްކުރަން ފެށުމާއިއެކު، މި ޚިދުމަތުގެ ދާއިރާއަށް އައި އެންމެ ބޮޑު އެއް ބަދަލެއްގެ ގޮތުގައި ފާހަގަވެގެން ދަނީ، ކުރިން ސިވިލް ސާވިސްގެ ޕާރމަނަންޓް ސެކެޓްރީ އަދާ ކުރައްވަމުން ގެންދެވި، މި ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެ އިސްފަރާތެއްގެ ދައުރު، ޕާރމަނެންޓް ސެކެޓްރީގެ ބަދަލުގައި، މިގާނޫނުގެ ދަށުން އައްޔަންކުރެވޭ ފޮރިންގ ސެކެޓްރީއަށް ބަދަލުވެގެން ދިޔަދިއުމެވެ.
މިގޮތުން، މިގާނޫނުގައި ވާގޮތުން، ފޮރިންގ ސެކެޓްރިއަކީ އެވަގުތަކު ހުންނަވާ ވަޒީރެއްގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކަށްވި ނަމަވެސް، ފޮރިންގެ ސެކެޓްރީ ހުންނަވާނީ ފޮރިން ސާރވިސްގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައެވެ. އަދި މި ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވަޒީފާ އަދާކުރާނީ ފޮރިންގ ސެކެޓްރީގެ އިރުޝާދުގެ ދަށުންކަމުގައިވެސް މިގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ.
އަދި މީގެ އިތުރުން، އަލަށް އަމަލު ކުރެވެން ފެށުނު މިގާނޫނުގައި ވާގޮތުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން އެކިއެކި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކާ މިނިސްޓަރަށް ބޭނުންވާ ލަފާ ދިނުމާއި، އަދި މުވައްޒަފުންނާއި ގުޅޭ އެހެނިހެން ކަންކަމުގައިވެސް އޭރަކު ހުންނަވާ ވަޒީރަކަށް ލަފާ ދިނުމަށްޓަކާ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ "ފޮރިންގ ސާރވިސް އެޑްވައިޒަރީ ބޯޑު" އެކުލަވާލަން ޖެހެއެވެ.
އަދި މީގެއިތުރުން، މިގާނޫނު ވުޖޫދުވުުގެ ކުރިން، ޚާރިޖީ ޚިދުމަތުގައި ތިއްބެވި ދައުލަތުގެ މުވައްޒަފުން މިޚިދުމަތަށް ރުޖޫއަވެގެން ދާނޭ ގޮތްތަތަކާއި، ފޮރިންގ ސަވިސްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ މުވައްޒަފުންވެސް، ފޮރިންގ ސާރވިސްއަށް ހިޖުރަކުރެވިގެންދާނޭ ހާލަތްތަކާއި ގޮތްތައްވެސް މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި އެކައެޅުމަށް ހަމަޖެހިފައިވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންކަމުން ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، މިމަހުގެ 14ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ ދިވެހި ޚާރިޖީ ޚިދުމަތުގެ ގާނޫނު ފާހަގަވެން ދަނީ، މިޚިދުމަތަށް އާރޯކަމެއް ގެނެސްދިން، އަދި ތައުލީމީ ފަންނީ ގާބިލް މީހުން ޚިދުމަތާއި ގުޅުމަށް މަގު ފަހިކޮށްދޭނެ މުހިންމު ގާނޫނެއްގެ ގޮތުގައެވެ. މިއީ، މި ޚިދުމަތުގެ މުވައްޒަފުން އެތައް ޒަމާނެއްވަންދެން ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިގެން ދިއުމެވެ.
އަދި މިގާނޫނުގެ ސަބަބުން، ގައުމުގެ "ފަސްޓް ލައިން އޮފް ޑިފެންސް" އިތުރަށް ހަރުދަނާވެ ވަރުގަދަ ވެގެންދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.