ސްޓޫޑެންޓް ލޯން 393 ދަރިވަރަކަށް ލިބިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ސްޓޫޑެންޓް ލޯންގެ ވަގުތީ ނަތީޖާ އިއުލާންކޮށްދެއްވަމުންނެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ވަނީ އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 720 ފުރުސަތު ހުޅުވާލާފައެވެ. މިލޯނު އެދި 1،000 ދަރިވަރުން ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން ލޯނު ލިބުނީ 393 ދަރިވަރުންނަށެވެ.
ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް އާއްމުކުރައްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނު ދެނީ ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ކިޔެވުމަށްކަމަށެވެ. އެހެންކަމުން އެއް ދާއިރާއަކަށް ގިނަ ޖާގަ ޚާއްސަކުރުމަކީ އިންސާފަކަށް ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހެދެން ހުރި ކޯސްތަކަށް މލޯންގެ ފުރުސަތު ނުދޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކަން މިހެން ހުރި ނަމަވެސް ރާއްޖެއަށް އެދާއިރާއަކުން މީހުން ބޭނުންވާ މިންވަރުގެ މުހިންމު ކަމަށް ބަލައި ޚާއްސަ އުސޫލެއްގެ ތެރެއިން ބައެއް ކޯސްތަކަށް ފުރުސަތު ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަދު ސްލޮޓްތަކަކަށް ގިނަ ދަރިވަރުން ކުރިމަތިލުމާއި ހުށަހެޅުންތައް ފުރިހަމަނުވާތީ މި ފަހަރުވެސް ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވެފައިވާ ކަމަށާއި އެހެން ނަމަވެސް އެހެން އަހަރުތަކާ ބަލާއިރު ޑިސްކޮލިފައިވި ކުދިންގެ އަދަދު މަދު ކަމަށެވެ. އެހެންނަމަވެސް މަތީ ތައުލީމްގެ ފުރުސަތު ނުލިބި ގިނަ ދަރިވަރުން ޑިސްކޮލިފައިވުމަކީ ލިބުނު މާޔޫސްކަމެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުރިއަށް ވުރެ އިންފޮމޭޝަން ސެޝަންތައް ބާއްވަން، އެޕްލައިކުރަންވާ ގޮތުގެ ތަފްސީލް ކިޔައިދެން، ދަރިވަރުން އެޕްލައިކުރާއިރު އާއްމުކޮށް ހަދާ މިސްޓޭކް ހިއްސާކުރަން. ވަކި މުއްދަތެެއްގެ ކުރިން ކުރިމަތިލިނަމަ އޭގައި ހުރި މިސްޓޭކްތައް ފާހަގަކޮށް ދަރިވަރުންނާ ހިއްސާވެސް ކުރަން. މި ހުރިހާ ކަމެއް ކުރަމުން ދާއިރު ވެސް ޑިސްކޮލިފައިވާ ކުދިން ހުރީމަ ވަރަށް ބޮޑަށް މާޔޫސްވޭ.
– ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އާއްމު އުސޫލެއްގެ ގޮތުން ރާއްޖޭގައި ކިޔެވޭ ދާއިރާތަކުން ބޭރުން ކިޔަވަން ސަރުކާރުން ލޯނު ނުދިން ނަމަވެސް ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔަވަން ޖާގަތަކެއް ކަނޑައެޅިއެވެ. އެގޮތުން މަތީ ތައުލީމްގެ ލޯނުގައި ޕައިލެޓްކަން ކިޔަވަން ސަރުކާރުން ހާއްސަކުރި 10 ޖާގަ އަށް 250 އަށްވުރެ ގިނަ ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. އަދި އެމްބީބީއެސް ކިޔަވަން ރިޒާވްކުރި 25 ޖާގައަށް 129 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މީގެ އިތުރުން ޕީއެޗްޑީ ހަދަން ހާއްސަކުރި ފަސް ފުރުސަތަށްވެސް 31 މީހުން ކުރިމަތިލާފައިވެއެވެ.
ކޮމެންޓު ފޮނުވާ