ޑެޕިއުޓީ ޕީޖީއަކަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު

ޑެޕިއުޓީ ޕީޖީއަކަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު

Author
މުޙައްމަދު ޖިމީ
12 މެއި 2022 04:17
0

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛު ޢަލީ ސަމީރު ވަނީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައެވެ. އަލްއުސްތާޛު ޢަލީ ސަމީރު ޝަރުޢީ ދާއިރާގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.

އަދި 26 މާރިޗު 2011 އިން ފެށިގެން 17 އެޕްރީލް 2022 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އިރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް އަލްއުސްތާޛު ޢަލީ ސަމީރު ކުރައްވާފައިވެއެވެ.

އަލްއުސްތާޛު ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުމާއެކު، އެ މަޤާމުގައި މިހާރު ތިއްބެވީ އަލްއުސްތާޛު ޢަލީ ސަމީރުގެ އިތުުރުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމެެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު ވަގުތީގޮތުން ޙަވާލުކުރައްވާނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމާއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ އެ އޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންގެ އިތުރުން، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީންއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.