އިސްރާއީލު ސިފައިން ބަޑީގެ ހަމަލާދީ މަރާލި އަލް ޖަޒީރާގެ ނޫސްވެރިޔާ، ޝީރީން އަބޫ އަކްލޭހުގެ މަރުގެ ތަހުގީގު ގުޅިގެން ހިންގުމަށް އިސްރާއީލުން ހުށަހަޅާފައިވާ ހުށަހެޅުމަށް ފަލަސްތީނުން ދެކޮޅު ހަދައިފިއެވެ. އަދި ފަލަސްތީނުގެ އޮތޯރިޓީން ބުނެފައިވަނީ، އަބޫ އަކްލޭހުގެ ބޮލަށް އަރާފައިވާ ވަޒަން އިސްރާއީލާއި ހަވާލު ނުކުރާނެ ކަމުގައެވެ.
"އިސްރާއީލުންވަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިޔަށް ގެންދިއުމަށް ހުށަހަޅާފަ، އަދި އަބޫ އަކްލޭހުގެ ބޮލަށް އެރި ވަޒަން އެމީހުންނާއި ހަވާލު ކުރުމަށް އެދިފަ. އެކަމަށް އަހަރެމެން ވާނީ ދެކޮޅު ހަދާފަ، އަދި އަހަރެމެން ޔަގީން ކުރާނަން މި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގޭނެކަން،" ފަލަސްތީނުގެ ސިވިލް އެފެއާރަޒް މިނިސްޓަރު ހުސެއިން އަލް ޝެއިޚް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ހެކިބަސް ދީފައިވާ މީހުންގެ ހެކި ބަހުންނާއި، އަދި ފެންނާން ހުރި ހުރިހާ ހެކިތަކަށް ބަރޯސާ ކުރާއިރުވެސް، ފަލަސްތީނުގެ އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ ޝީރީން އަބޫ އަކްލޭހު މަރުވެފައިވަނީ އިސްރާއީލުގެ ސްޕެޝަލް ޔުނިޓްތަކުން ދީފައިވާ ހަމަލާތަކުންކަން ހާމަވާން އެބަހުރި ކަމުގައެވެ.
#Israel has requested a joint investigation and to be handed over the bullet that assassinated the journalist Shireen, we refused that, and we affirmed that our investigation would be completed independently, https://t.co/CqOiDzxlRd
— حسين الشيخ Hussein Al Sheikh (@HusseinSheikhpl) May 12, 2022
"އަހަރެމެން ގަތަރު އަދި އެމެރިކާގައި ތިބި އޭނާގެ އާއިލާއަށާއި، މުއައްސަސާތަކަށާއި، އަދި އާންމުންނަށްވެސް އެއްވެސް ފޮރުވުމެއް ނެތި މި ތަހުގީގުގެ ނަތީޖާ ފޯރު ކޮށްދޭނަން،"
ފަސްތީނުގެ ފޮރެންސިކްސް އިންސްޓިޓިއުޓްއިން ބުނެފައިވަނީ، އެންމެ ފުރަތަމަ ހަދާފައިވާ އޮޓޯޕްސީއިން ނަތީޖާ ޔަގީން ކުރެވިފައި ނުވާކަމުގައެވެ. ޑިރެކްޓަރ އޮފް އިންސްޓިޓިއުޓް ރަޔާން އަލް އަލީ ވިދާޅުވި ގޮތުގައި، އަސްލު ސިފައަށް ބަދަލު އައިސްފައިވާ ވަޒަން އަބޫ އަކްލޭހުގެ ބޮލުން ނަގާފައި ވާކަމުގައެވެ. އަދި މިވަޒަން ޖެހީ ކޮން ބައެއްކަން ދެނެގަތުމަށްޓަކާ އިތުރު ތަހުލީލުތައް ކުރުމަށް ހަމަޖެހިފައި ވާކަމުގައެވެ.
އަލް ޖަޒީރާ ނޫހުގައި 1997ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ އަބޫ އަކްލޭހު މަރާލާފައިވަނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލު ސިފައިން ހިންގަމުންދިޔަ އޮޕަރޭޝަނެއް ކަވަރު ކުރަމުން ދަނިކޮށް ބޮލަށް ބަޑި ޖަހައިގެންނެވެ.
ދުނިޔޭގެ ޚަބަރުތައް އެންމެ ފުޅާ ދާއިރާއެއްގައި ގެނެސްދެމުންދާ، ދުނިޔޭގެ އެންމެ ވަރުގަދަ ނޫސް ޗެނަލްތަކުގެ ތެރޭގައި ހިމެނޭ، އަލް ޖަޒީރާއިން ބުނެފައިވާ ގޮތުގައި އެ ނޫހުގެ ނޫސްވެރިޔާ، އުމުރުން 51 އަހަރުގެ ޝީރީން އަބޫ އަޤްލީހު މަރާލާފައިވަނީ، ގަސްތުގައި އޭނާގެ ގަޔަށް އިޒްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން ކަމުގައެވެ.
އަބޫ އަޤްލީހުއަކީ، އަލް ޖަޒީރާގެ އަރަބި ނިއުސް ސާވިސްގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. އަދި އޭނާ ވަނީ އިސްރާއިލް ފަލަސްތީނު މައްސަލައިގެ ޚަބަރުތައް ފާއިތުވި 15 އަހަރު ކަވަރު ކޮށްފައެވެ.