6 ކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

6 ކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

Author
ޢަލީ އާދަމް
11 މެއި 2022 07:49
0

އެއް އާއިލާއެއްގެ 6 ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ދޫކޮށްލި މީހާ އިއްޔެ ހައްޔަރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ނުވަ ވަނަ ދުވަހު މާލެ ސަރަހައްދުން ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް މީގެކުރިން ކްރިމިނަލް ކޯޓުން 30 ދުވަސް ދީފައިވެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު ވަނީ ބަންދުން ދޫކޮށްލާފައެވެ.

ނަމަވެސް ފުލުހުން އަލުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ކޯޓުއަމުރެއްގެ ދަށުންނެވެ. އެއަށްފަހު މިއަދު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މި މީހާ ވަނީ އެއް އާއިލާގެ އެތައް ކުދިންނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކޮށް ބައެއް ކުދިންގެ ފޮޓޯ ނަގައި ކުދިންނަށް ބިރު ވެސް ދައްކާފައެވެ. މީގެއިތުރުން މި މީހާ އަކީ އަނިޔާލިބުނު ކުދިންނާ އާއިލީގެ ގޮތުން ގުޅުން އޮތް މީހެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

އޭނާ އަލުން ހައްޔަރު ކުރިއިރު ދައުލަތުން ވަނީ އޭނާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ވެސް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.