އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ދޫކޮށްލި މީހާ އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފިއެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ނުވަ ވަނަ ދުވަހު މާލެ ސަރަހައްދުން ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް މީގެކުރިން ކްރިމިނަލް ކޯޓުން 30 ދުވަސް ދީފައިވެއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ނަމަވެސް ފުލުހުން އަލުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ކޯޓުއަމުރެއްގެ ދަށުންނެވެ.
އެނގިފައިވާ ގޮތުގައި މި މީހާ ވަނީ އެއް އާއިލާގެ އެތައް ކުދިންނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކޮށް ބައެއް ކުދިންގެ ފޮޓޯ ނަގައި ކުދިންނަށް ބިރު ވެސް ދައްކާފައެވެ. މީގެއިތުރުން މި މީހާ އަކީ އަނިޔާލިބުނު ކުދިންނާ އާއިލީގެ ގޮތުން ގުޅުން އޮތް މީހެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.
އޭނާ އަލުން ހައްޔަރު ކުރިއިރު ދައުލަތުން ވަނީ އޭނާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ވެސް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ