ކުލަބާއި އަލަށް ހަވާލުވި ވެރިންގެ ކުރިމަތީ ޗެލްސީ ފަހުވަގުތު އެއްވަރު

ކުލަބާއި އަލަށް ހަވާލުވި ވެރިންގެ ކުރިމަތީ ޗެލްސީ ފަހުވަގުތު އެއްވަރު

އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެހްލީ އިސްވެ އުފައްދާފައިވާ ގްރޫޕުން ޗެލްސީ ގަންނަން ނިންމާފައިވާއިރު، ބޮއެހްލީ ކުރިމަތީގައި ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ވުލްވްސްއާ އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުލަބާއި ހަވާލުބި އެމެރިކާގެ މަހުޖަނު ބޯލީ ވަނީ ވީއަޕީ ޒޯނުން މެޗު ބަަލައިފައެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ރުބެން ލޮފްޓަސް-ޗީކް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، ބަލައިނުގަންނަން ނިންމުމުން އެ ކަމާ މެދު ބޯލީ ހިތްހަމަނުޖެހުނެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅުން ފެށިގެން 56 ވަނަ މިނިޓްގައި ޗެލްސީ އަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީން ރޮމެލޫ ލުކާކޫ ލީޑުނަގައިދިނުމާ އެކު ބޯލީ ވަނީ އުފާފާޅުކޮށްފައެވެ.

ލުކާކޫ ވަނީ ފުރަތަމަ ގޯލު ޖެހިތާ ދެ މިނިޓް ފަހުން ދެ ވަނަ ގޯލެއް ޖަހައިފައެވެ. މިއީ 29 ޑިސެމްބަރުގެ ފަހުން ލުކާކޫ ލީގުގައި ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އަދި އޭގެ ދެ މިނެޓު ފަހުން ލުކާކޫ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ވުލްވްސްއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސިސްކޯ ޓްރިންކާއޯއެވެ. އަދި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ފަހު މިނެޓުގައި ކެޕްޓަން ކޮނާ ކޯޑީ ވަނީ ލަނޑެއް ޖަހައި، ވުލްވްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ރަޝިޔާގެ ވިޔަފާރިވެރިޔާ ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމީ ރަޝިޔާއިން ޔޫކްރެއިނަށް އަރުމާއި ގުޅިގެން، އޭނާއާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭކަން ހާމަވުމާއި ގުޅިގެންނެވެ. ޗެލްސީން ހާމަކުރިގޮތުގައި އަލަށް ކުލަބާއި ހަވާލުވާ ވެރިން ޗެލްސީގެ ހިއްސާ ގަތުމަށް 2.5 ބިލިއަން ޕައުންޑް ޚަރަދުކުރާނެއެވެ. އަދި އެ ފައިސާ ޖަމާކުރެވިގެންދާނީ މިހާރު ފްރީޒް ކޮށްފައިވާ އެކައުންޓަކަށް ކަމަށާއި، އަދި އެ ފައިސާ މިހާރު ޑޮނޭޓުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުލަބުން ބުނެއެވެ. ޗެލްސީން ހާމަކުރާގޮތުގައި އެ ކުލަބު ވިއްކާލުމުގެ ކަންތައްތައް މިމަހުގެ ފަހުކޮޅު ނިންމާލެވޭނެއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތީ ކުޅުނު 35 މެޗުން ލިބުނު 67 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް އާސެނަލަށް ވަނީ 34 މެޗުން 63 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *