އެއް ޓީމުގައިތިބެ، ދެކޮޅަށް ކުޅުން ހުއްޓާލައި، 2023 ކާމިޔާބުކުރަން އެކަތިގަނޑަކަށް ވާންޖެހޭ: ފައްޔާޟު

އެއް ޓީމުގައިތިބެ، ދެކޮޅަށް ކުޅުން ހުއްޓާލައި، 2023 ކާމިޔާބުކުރަން އެކަތިގަނޑަކަށް ވާންޖެހޭ: ފައްޔާޟު

Author
މުޙައްމަދު ޝަޒައިމް
06 މެއި 2022 11:45
0

އެއްޓީމުގައި ތިބެގެން ދެކޮޅަށް ކުޅުން ހުއްޓާލައި، 2023 ކާމިޔާބުކުރަން އެކަތިގަނޑަކަށް ވާންޖެހޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ރ.އަތޮޅުގެ ރަށެއްގައި ކުރިއަށްދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން އެއްފަރާތްކޮށް އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭކަމަށެވެ.

އެމްޑީޕީއަށް ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބް ކުރުންކަމަށާއި، އެކަން ކުރުމުގައި މިހާރުން މިހާރަށްވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެމަސައްކަތުގައި މިހާރު އިސްކަންދޭންވީ ޕާޓީން ވާދަ ކުރާނެ ކެނޑިޑޭޓަކާއިމެދު ނޫންކަމަށާއި، ކުރަންޖެހޭ މަސައްކަތަކީ އެކަތި ގަނޑަކަށްވެ އިންތިާޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުންކަމަށް ފައްޔާޟު ވިދާޅުވިއެވެ.

އެއްޓީމުގަ ތިބެގެން ދެކޮޅަށް ކުޅުން ހުއްޓާލަން ޖެހޭ، މިވަގުތު މުހިއްމީކީ 2023 ގައި މިޕާޓީން ވެރިކަން ކުރާނެ މީހަކު ކަނޑަ އެޅުމުގެ މަސައްކަތެއް ނުން! މިވަގުތު މުހިއްމީ 2023 އެމްޑީޕީއަށް ކާމިޔާބު ކުރަން ކުރަންޖެހޭ މަސައްކަތް ކުރުން.

– ފައްޔާޟު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަވެރިކަން ބޮޑުގެ ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ފެކްޝަންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރެވެމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިވާދަވެރިކަމަކީ އެމްޑީޕީ ބައިބައި ވުމުގެ ފުރުސަތު ބޮޑުކަމެކެވެ. މިއިންތިޚާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ލިބޭނެ ބޭފުޅަކުވެސް ކަނޑައެޅިގެންދިއުމުގެ ފުރުސަތު ބޮޑު އިންތިޚާބެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގެ ވާދަވެރި ކެމްޕޭންގައި ރައީސް ސާލިހުގެ ތާއީދު ފައްޔާޒު އިސްމާއިލަށް އޮތްއިރު، ނަޝީދު ވަނީ އިމްތިޔާޒު ފަހުމީއަށް ތާޢީދު ކުރައްވާކަން ހާމަކޮށް، ކެމްޕޭނުގައި އެއްވެސް މުވައްޒިފަކަށް ވަޒީފާގެ ބިރު ދައްކައިފިނަމަ، ފާޅުގައި އިމްތިޔާޒު ފަހުމީގެ ކެމްޕޭންގައި ނިކުންނަވާނޭ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

މިކެމްޕެެއިންގައި ކުރިއަށް އޮތް 2023 ގެ ރިޔާއީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާނެކަމަށް، މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވަނީ އިއުލާޏް ކުރައްވާފައެވެ.

އީވާ މިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި، ކުޅުދުއްފުށީގައި ބޭއްވި މާހެފުމެއްގައި ބައިވެރިވި މީހުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. އީވާ ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަ ކުރައްވާނެކަމަށެވެ. އެމަނިކުފާނު ވާދަ ކުރައްވާނީ އެމްޑީޕީގެ ތެރޭގައި އޮންނަ ޕްރައިމަރީގައި ވާދަކޮށް، އެޕްރައިމަރީ ކާމިޔާބު ކޮށްގެންކަމަށް އީވާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.