މާލޭ މަގުމައްޗަށް ވެއްޓިފައި އޮއްވައި ރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން މަރުވީ ދިވެއްސެއް ކަމަށް ފުލުހުން ބުނެފިއެވެ.
އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ނިޔާވެފައި އޮތް އެމީހަކީ އުމުރުން ދުވަސްވީ މީހެކެވެ. އޭނާ އަކީ ބުރާސްފަތި ވިލޭ ރޭ އިރާކޮޅު ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗް އަށް ގެންދިޔަ މީހެކެވެ.
އޭނާ ނިޔާވެފައިވާތީ އޭނާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އޭނާ އާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދުނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، އޭނާ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އޭނާ އަކީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގާތްގަނޑަކަށް ފަސް ފޫޓް ހަ އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެން މީހާ ލައިގެން ހުރީ މަޑު މުށިކުލައެއްގެ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެކެވެ. އޭނާގެ ތުނބުޅި އަކާއި ބޯކޮށާފައިވަނީ އާދައިގެ ވަރަކަށް ތުނިކޮށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.