ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަޞައްވުރާމެދު ދެތިން ބަހެއް ދަންނަވާލަން ޤަސްތު ކުރކަމަށް ވިދަޅުވެ ޝަހީމް ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި، ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް އުފެދިގެން ދިއުމަކީ ޙަޤީޤަތުގައި ވެސް ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ހައިބަތާއި ޤަދަރަށް މަތިވެރިކަން ގެނެސްދިން މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. ކުރީގެ ސަރުކާރު ބަދަލުވިއިރު، ހުޅުމާލޭގައި އިސްލާމީ ޔުނިވަރސިޓީގެ މަރުކަޒީ ބިނާ އެޅުމުގެ ތަޞައްވުރެއް ކަނޑައެޅިފައި އޮތްކަމަށާއި، އެތަންބިނާކުރުމަށް ބޭރުގެ ބައެއް އިސްލާމީ ޤައުމުތަކުން އެހީތެރިވެދޭނޭކަމުގެ ފެހި ސިގްނަލް ވެސް ލިބިފައި އޮތްކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ މިއަދު އިސްލާމީ ޔުނިވަރސިޓީ ހައިބަތު ނެގެހެއްޓުމަށް ކުރެވިދާނެކަންކަމަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.
އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިސަރަޙައްދުގައި ފިޔަ ޖަހާ ހަރުދަނާ އިސްލާމީ ޢިލްމީ ކިއްލާއަކަށް ބަދަލު ކޮށްލެވިދާނެއެވެ. މިހާރުވެސް އިސްލާމީ ޔުނިވަރސިޓީގައި ޕީއެޗްޑީ ފެންވަރަށް ދުނިޔޭގެ އެކި އެކި ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލުކޮށްފައިވާ ގިނަ ޢަދަދެއްގެ ބޭފުޅުން ތިބޭނެއެވެ. އެއީ އެއިރު އެޅިގެން ދިޔަ ފިޔަވަޅުތަކުގެ ނަތީޖާއެވެ.
– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް ޔުނިވަރސީޓިގެ ހައިބަތާ ޤަދަރު ފަނޑުވެގެން ދިޔަ ދީގެން ނުވާނެކަމަށާއި، ރާއްޖޭގައި މިވަގުތައް ޤާއިމު ކުރެވިފައިވާ ބިނާތަކުގެ ތެރެއިން ކިންގ ސަލްމާން ސެންޓަރަކީ އިސްލާމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާކަމުގައި ހަމަޖެއްސުމަށް އެންމެ މުނާސަބު ބިނާކަމަށް ޝަހީމް ވިދާޅުވިއެވެ.
ޕާކިސްތާނުގެ އިސްލާމް އާބާދުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އަމިއްލަބިނާއެއް އެޅި އެތަނަށް ބަދަލުވަންދެން އެ ޔުނިވަރސީޓީ ހިންގީ ކިންގ ފައިސަލް ސެންޓަރުގައެވެ. ( ފައިސަލް މޮސްކް) ގައެވެ. އެތަނަކީ ވެސް ހަމަ ކިނގް ސަލްމާން ސެންޓަރ ފަދައިން ޤާއިމު ކުރެވިފައިވާ ބިނާއެކެވެ. މިހާރު ވެސް އެތަނަކީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ބައެކެވެ.
– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދިވެހިރާއްޖޭގައި ކިނގް ސަލްމާން ސެންޓަރ ބިނާކުރެވިފައިވަނީ އިސްލާމީ ޢިލްމީ ކިއްލާއެއް ހިންގުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއެކުގައިަކަމަށާއި އެތަނަކީ އިސްލާމީ ޒަމާނީ ޙަޟާރަތު ރަމްޒު ކޮށްދޭ ބިނާއެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އޮޑިޓޯރިއަމާއި ލައިބްރަރީއާއި ކްލާސް ރޫމްތަކާއި މިނޫންވެސް ތަންތަނާއެކު، ހިތްތަކަށް ހިތްގައިމުކަން ގެނުވައިދޭ ޒީނަތުން ފުރިގެންވާ މިސްކިތެއް އެތަނުގައި ޤާއިމު ކުރެވިފައިވާކަމަށާއި، އެހެންކަމުން އެތަނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިންގުމަށް އެންމެ މުނާސިބު ބިނާއަށް ނުވާންވީ ސަބަބެއް ނެތްކަމަށް ޝަހީމް ވިދާޅުވިއެވެ.
.
މިގޮތައް، މިކަން ހަމަޖެހިއްޖެ ނަމަ، ޔުނިވަރސިޓީ މިހާރު ހިންގަމުންދާ ކިންގް ފަހުދު ބިލްޑިނގ ( ކުއްލިއްޔާ ބިނާ)، ކިންގް ސަލްމާން ސެންޓަރގެ އިތުރުން، އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގާ ފަރުުޢީ ބިނާއަށް ވެގެންދާނެއެވެ. އަދި އެތަނުގައި އައިޔޫއެމް ހޯލްޑިނގސް ވެސް ހިނގޭނެއެވެ. އަދި މިސަރަޙައްދުގެ އިސްލާމީ ފައިނޭންސްގެ ހަބަަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި، އެތަނުގައި އިސްލާމިކް ފައިނޭންސް ސެންޓަރެއް ވެސް ޤާއިމު ކުރެވިދާނެއެވެ.
– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މީގެ އިތުރުން، ދުވާފަރު އިސްލާމިކް ސެންޓަރާއި ގދ، ތިނަދޫ އިސްލާމިކް ސެންޓަރ ވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަންތަންކަމުގައި ކަނޑައެޅުން ހުރިކަމަށާއި، އެއީ އެތަންތަން ބިނާކުރި އިރުވެސް ތަޞައްވުރު އޮތް މަގެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
މިގޮތައް މިކަންކަން ބަދަލުކުރުމަށް ފަހު، އަޅަންވީ އަނެއް ފިޔަވަޅަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ނަގައި، އެތަނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަށުން ހިނގާ މުސްތަޤިއްލު މަރުކަޒަކަށް ބަދަލު ކުރުމެވެ. ހަމަ މި ބީދައިން އަލްމަދްރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާ ވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަށަށް ބަދަލު ކުރަންވީއެވެ. އެތަން ފިކުރީ ގޮތުން ތަރައްޤީ ކުރުމުގެ ފުރިހަމަ ޤާބިލްކަން ހުރި މުއައްސަސާއަކީ އިސްލާމިކް ޔުނިވަރސިޓީއެވެ. އަދި އެތަނަކީ އިންޓަރނޭޝަނަލް އިސްލާމިކް އެރެބިކް ސްކޫލަކަށް ބަދަލު ކުރަންވީއެވެ. އެތަން ނިމޭ ދަރިވަރުނަކީ އިސްލާމިކް ޑިސިޕްލިންގ އިތުރުން ތަފާތު ދާއިރާތަކުން ދުނިޔޭގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިފަިއވާ ދަރިވަރުންނަށް ހަދަންވީއެވެ.
– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދުނިޔޭގެ ވަރަށް ގިނަ ޔުނިވަރސިޓީތަކުގައި ސްކޫލްތައް ހުންނަކަން ފާހަގަކުރައްވާ ޝަހީން ވިދާޅުވީ، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގައި އެކަން އެމަގުން ތަރުތީބު ކުރެވިފައި ވާކަމަށެވެ.
މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ދަށުގައި އިންޓަރނޭޝަނަލް އިސްލާމިކް ސްކޫލް ހުރެއެވެ. އެތަނުގައި ޕްރީ ސްކޫލް، ޕްރައިމަރީ، ސެކަންޑަރީ، ހަޔަރ ސެކަންޑަރީ އަށް ތަޢުލީމު ދެއެވެ. އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައި ވެސް ސްކޫލްތަކާއި މަޢުހަދުތައް ޤާއިމު ކުރެވިފައި ވެއެވެ. މިގޮތައް ކަންކަން ބަދަލު ވެއްޖެ ނަމަ، ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު އެއް ފަންގިފިލާއެއްގެ ދަށަށް ބަދަލުވީއެވެ. އެކަމުގައި ގިނަގުނަ ފައިދާތަކެއްވާނެއެވެ.
މިއަށް ފަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބައިނަލްއަޤުވާމީ ދަރިވަރުންނަށް ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުޞަތު ހުޅުވާލަންވީއެވެ. ޢަރަބި ޤައުމުތަކާއި އެހެނިހެންވެސް ޤައުމުތަކުގެ ދަރިވަރުން މެލޭޝިިޔާ ފަދަ ތަންތަނަށް ކިޔަވަންދާ ފަދައިން ރާއްޖެއަށް ވެސް ކިޔަވަން އަންނަ މަންޒިލަކަށް ރާއްޖެ ނުހެދެންވީ ސަބަބެއް ނެތެވެ. އޮންލައިންކޮށް ވެސް މަތީ ތަޢުލީމަށް ހުޅުވާލެވިދާނެއެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުންނާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ދައުލަތުގެ ތަނެއްކަމުން އެތަނުން ތަޢުލީމު ޙާޞިލު ކުރުމަށް މި ސަރަޙައްދުގެ ޤައުމުތަކުގެ މުސްލިމު ދަރިވަރުން ޝައުޤުވެރިވާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.
– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މި ކަންކަމަކީ ޔުނިވަރސިޓީއާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އަބަދުވެސް ހުންނަ ޝުޢޫރުތަކެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ