ދިވެހިރާއްޖޭގެ އިޖުތިމާޢީ އިންސާފާއި ގުޅިފައޮތް އެންމެ ބޮޑު މައްސަލައަކަށް ވެގެން ގޮސްފަ އޮތް އެއް މަސަލައަކީ މަސައްކަތްތެރީގެ ހައްގުތަކާއި ގުޅިފަހުރި މައްސަލަތަކެވެ. އަދި އޭގެ ތެރެއިންއިވެސް މުސާރައާއި އިނާޔަތްތައް އެކި ގިންތިތަކާއި ފަންތިތަކަށް ކަނޑައަޅާފައި އޮތް އުސޫލުތަކުގައި ހަމަހަމަކަން ނެތް މައްސަލައެވެ.
މިގޮތުން ބަލާއިރު، މިއަދާއި ހަމައަށްވެސް ރާއްޖޭގައި އެންމެ ބޮޑު ލޭބަރ ފޯރސްއެއްގެ ގޮތުގައި އޮތް، އަދި ސަރުކާރު ހިންގާ މައި އިންޖީނުގެ ގޮތުގައި ބެލެވެން އޮތް ސިވިލް ސާރވިސްގެ މުވައްޒިފުން ފާހަގަވެގެން ގޮސްފައިވަނީ، ގިނަ ވަގުތު މައްސައްކަތުގައި އުޅޭ، އަދި އެހާމެ ބޮޑަށް ރެގިއުލޭޓް ކުރެވި، އެހެންނަމަވެސް އެންމެ ކުޑަ އުޖުޫރަ ލިބޭ ޕްރޮފެޝަންގެ ގޮތުގައެވެ.
ފާއިތިވެދިޔަ ތަނުގައި ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ސިވިލް ސަރވިސްގައި މަސައްކަތްކުރާ 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ އެކި ފަންތިތަކާއި ގިންތިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒިފުން ވެގެން ގޮސްފައިވަނީ، މަގާމުގެ ޒިންމާތައް ބޮޑު، އެހެންނަމަވެސް ލިބޭ މުސާރަ ކުޑަ ބައެއްގެ ގޮތުގައެވެ.
އެހެންނަމަވަސް، މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހު، ޓީޗަރުންގެ މުސާރައަށް ރައީސް ސާލިހު ގެންނެވި ހެޔޮ ބަދަލާއެކު، ތައުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒިފުންގެ މުސާރައަށް ބޮޑު ބަދަލެއް އައިސް، ސިވިލް ސާވިސްގެ މުވައްޒިފުންގެ ތެރެއިން 8،000 އެއްހާ މުވައްޒިފުންގެ މުސާއަރައަށް މިހާރު މިވަނީ، އެމީހުންނަށް މީގެ ކުރިން ލިބެމުންދިޔަ މުސާރައިގެ އެންމެ ކުޑަވެގެންވެސް %50ގެ ކުރިއެރުމެއް އައިސްފައެވެ. އަދި ބައެއް މުވައްޒިފުންގެ މުސާރައަށް %80އިން ކުރިއެރުން ލިބިގެން ގޮސްފައިވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އިދާރީ މުވައްޒިފުންގެ މުސާރައަށްވެސް %35ގެ ކުރިއެރުމެއް އަންނާނޭކަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއީ ހަގީގަތުގައިވެސް ތައުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒިފުންނަށް ހިނިތުންވުން ގެނުވި ބަދަލަކަށް މެނުވީ ވެގެނެއް ނުދާނެއެވެ. އެހެންނަމަވެސް، ސަރުކާރުގެ ވަޒީފާގެ ގިންތިތަކުގައި ހުރި ތަފާތުކުރުން ތަކުގެ ބޮޑުކަމާއި، މި ބޭއިންސާފުގެ ބޮޑުކަމުން، މުސާރައިގެ އޮނިގަޑަށް ރައީސް ސާލިހު މި ގެންނެވި ބޮޑު ބަދަލުގެ އަސަރު އެހެން ޕްރޮފެޝަންތަކުން ފެނިގެން ދިއުމަކީ ވަރަށްވެސް އެކަށީގެން ކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ.
މުސާރަ ބޮޑު ކުރަން ޖެހޭ އެތައް ޕްރޮފެޝަންއެއް!
ދިވެހިރާއްޖޭގައި މުސާރައިގެ ޝަކުވާތަކާއި ގުޅުންހުރީ ހަމައެކަނި އެޑިއުކޭޝަންގެ ދާއިރާ ނޫންކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. ސިއްޙީ ދާއިރާއާއި، އިދާރީ މަސައްކަތްތައް އަދާ ކުރަމުންދާ އެތައް މުވައްޒިފުންވެސް ހަމަ މި ޝަކުވާ މި ބީދައިން އަބަދުވެސް އަންނަނީ ކުރަމުންނެވެ.
އަދި މިގޮތުން ކުރާ ޝަކުވާގެ އެންމެ ބޮޑު އުދާހަކީ، ސަރުކާރުގެ މުސާރައިގެ އޮނިގަޑުގައި ހަމަހަމަކަން ގެއްލިގެން ގޮސްފައި އޮތުމެވެ. މިގޮތުން ބަލާއިރު، ކޮންމެ ސަރުކާރެއްގައިވެސް އަބަދުވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ފަރާތްތަކަށް ވެގެންދަނީ ސިޔާސީ މުވައްޒިފުންނެވެ. އަދި މި ފަރާތްތަކަކީ، ވަޒީފާ ދިނުމާއި، އަދާ ކުރުމުގައި "މެރިޓަށް" (ތައުލީމީ ފެންވަރަށް) އެއްވެސް ވަރަކަށް ބެލުމެއްނެތި ވަޒީފާ ދެވޭ ބަޔަކަށް ވެގެންދާއިރު، ސަރުކާތަތަކުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒިފުންނަކީ އެއްވެސް މިންވަރަކަށް ރެގިއުލޭޓް ކުރެވޭ (ޒިންމާދާރު ކުރެވޭ އުސޫލަކުން ވަޒީފާ އަދާކުރާ) ބަޔަކަށް ވެގެނެއްވެސް ނުދެއެވެ.
އަދި އޭގެ އިތުރުން، މުޅި ދައުލަތުގެ ވަޒީފާގެ އޮނިގަޑަށް ބަލާއިރު، ސިފައިންނާއި ފުލުހުންނަކީވެސް، މުސާރަތައް، ސިވިލްސާވިސްއާއި އަޅާބަލާއިރު ރަގަޅު އަދި ގިނަ އިނާޔަތްތަކެއްވެސް ލިބެމުންދާ ފަރާތްތައްކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ. މީގެ އިތުރުން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއި، މިހެންގޮސް، ސިވިލް ސާވިސްއިން ވަކި ކޮށްފައިވާ ގިނަ ދާއިރާތަކަކީ، މުސާރައާއި އިނާޔަތްތައް ސިވިލް ސާވިސް މުވައްޒިފުންނަށްވުރެ ރަގަޅަށް ލިބެމުންދާ ފަރާތްތަކަން މިއީވެސް މުޅި ދައުލަތުގެ މުސާރައާއި އޮނިގަޑުގެ ތެެރެއިން ފާހަގަވާން އޮތް ކަމެކެވެ.
އެހެންކަމުން، މުޅި ދައުލަތުގެ މުސާރައިގެ އޮނިގަޑުގެ ތެރޭގައި ހުރި މައިގަޑު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވާން އޮތް އެންމެ ބޮޑު މައްސަލައަކީ ސިވިލް ސަރވިސްގެ 27 ހާސް މުވައްޒިފުންގެ މުސާރަ ބޮޑުތަނުން ކުޑަކޮށް އެކަށައެޅިފައި އޮތް މައްސަލައެވެ. އަދި މުސާރައިގޮ އޮނިގަޑު "ހާމަނައިޒް ކުރުމަށް" (އެއްހަމަ ކުރުމަށް) ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބެލެވޭ ގޮތުގައި ސަރުކާރަށް ކުރަންޖެހިފައި އޮތް ކަަމަކަށް ވެގެންދާނީ، ސިވިލް ސާވިސް މުވައްޒިފުންގެ މުސާރައް މަތިކުރުން އެކަންޏެވެ.

ސަބަބަކީ، ސިޔާސީ އިސް މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަތަކައް އުނިކަން ނުގެނެސް، އަދި އޭގެ އިތުރުން، އެހެން ޕްރޮފެޝަންތަކުގައި (ސިފައިންނާއި ފުލުހުން އަދި ޝަރުއީ ދާއިރާތައްފަދަ ދާއިރާތަކުގައި) ތިބި މުވައްޒިފުންގެ މުސާރަތަކަށްވެސް އުނިކަން ނުގެނެސް، މުސާރަތަކަށް ބޮޑުކުރުން ނޫން އެހެން ހައްލެއް، މިގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފެންނާން ނެތުމުންނެވެ.
ހަމަހަމަކަން އަވަހަށް ނުގެނެވިއްޖަމަ، ޝަކުވާ ބޮޑުވެފަ، އިޖްތިމާއީ ބޭއިންސާފި ބޮޑު ވެގެން ދާނެ!
ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރައަށް ސަރުކާރުން މިގެންނެވީ ހަގީގަތުގައިވެސް ބޮޑު ބަދަލެކެވެ. އަދި މިއީ ފަހުގެ ޒަމާނެއްގައި، ސަރުކާރުގެ މުވައްޒިފުންގެ މުސާރައަށް އެއްވެސް ސަރުކާރަކުން ގެނެސްފައިވާ އެންމެ ބޮޑު ބަދަލުކަންވެސް މިފުރުސަތުގައި ފާހަގަކޮށްކާން ޖެހެއެވެ.
މިގޮތުން މި ބަދަލު ގެނައުމަށްޓަކާ، ދައުލަތުގެ ބަޖެޓުން އަހަރަކު 488 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހޭނެއެވެ. އަދި ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތަކީ، ތަރައްގީގެ މަޝްރޫޢުތަކަށް ކުރަމުންއަންނަ ބޮޑެތި ހޭދަތަކަށް ހުއްޓުމެއް ނުގެނެސް، އިތުރުވަމުންދާ ސިޔާސީ މަގާމްތަކަށް ކުރާ ހޭދަތަކަށް އެއްވެސް ސަރުކާރަކުން ހުއްޓުމެއް ނުގެނެސް، ހަމައެއާއެކު ދައުތަށް ލިބޭ އާމްދަނީ އިތުރުނުކޮށް، މުސާރައިގެ އޮނިގަޑަށް ބޮޑެތި ބަދަލު ގެނައުމުން، ހަގީގަތުގައިވެސް ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެގެން ދާނޭކަމެވެ.
އަދި މިހާރުވެސް ދައުލަތުގެ ދަރަނި 100 ބިލިއަން ފަހަނައަޅާ، ޖީޑީޕީގެ ނިސްބަތުން، %80 ފަހަނަ އަޅާ ދިއުމާ ދިމާލަށް މިސްރާބު ހިފާފައިވާއިރު، ސިވިލް ސާވިސްގެ 27،000 މުވައްޒިފުންގެ މުސާރައަށް ސަރުކާރުން ބޮޑު ބަދަލެއް ގެންނާނީ ކިހިނަކުންތޯ މިއީ، އިގްތިސާދީ ނަޒަރިއްޔާތަކުން ވިސްނާއިރު، ހަގީގަތުގައިވެސް "ދެކޮޅު ޖެހޭ" ޖަވާބެއް ބޭނުންވާ ސުވާލެއްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. އަދު މުސާރައަށް މިގޮތުން ގެނެވޭ ބޮޑު ބަދަލާއެކު، މުޅި ދައުލަތުގެ ބަޖެޓްގެ ރިކަރަންޓް ޚަރަދު އެއް މިންގަޑެއްގައި ނުހިފެހެއްޓިއްޖެނަމަ، މުސާރަތަކަށް މިގެނެވެނު ބަދަލުތަކުގެ ނުރަގަޅު ނަތިޖާ އިގްތިސާދުން ފެންނާން ފެށުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

ސަބަބަކީ، ތައުލިމީ ދާއިރާގެ މުވައްޒިފުންގެ މުސާރަތައް އާދަޔާ ޚިލާފަށް ބޮޑު ކުރުމާއެމު، ސިއްޙީ ދާއިރާއާއި އަދި އެނޫން ސިވިލް ސާވަންޓުންގެ މުސާރަވެސް، އަޅާކިޔޭ އެއް މިންގަޑަކުން ބޮޑު ކުރުން ނޫން އެހެންހައްލެއް އެއްވެސް ސަރުކާރެއްގެ ކުރިމަތީގައި ދެން އޮންނާނޭ ކަމަށް ނުބެލޭތީއެވެ.
އެހެންނަމަވެސް ހަނދާން ބަހައްޓަންވީ އެއްކަމަކީ، އިޖުތިމާއީ އިންސާފު މިބީދައި ގާއިމް ކުރެވެމުން މިދަނީ، އާދަޔާ ޚިލާފް ބޮޑު މުސާރަލިބޭ ސިޔާސީ މަގާމްތަކުގެ މުސާރަ ކުޑަ ކުރުމަކާ ނުލާ، ސަރުކާރުން ކުރާ ތަރައްގީއާއި ގުޅުންހުރި އެއްވެސް ހޭދައެއް ކުޑަ ނުކޮށް، އަދި ދައުލަތުގެ ދަރަނި "ހެސްކިޔާފަ" އުފުލި، ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު މަގުތަކެއް ފަހި ކުރެވުމަކާ ނުލައިކަމެވެ.
އެހެންކަމުން، މިއަދު ޓީޗަރުންގެ މޫނުމައްޗަށް ހިނިތުންވުން އައުމަކީ، އެއާއިލާތަކަށް ލިބުނު ނިހާއީ ހިންހަމަޖެހުމަކަށް ވިނަމަވެސް، އިޖުތިމާއީ އިންސާފު އެކީއެކަށް ގާއިމް ކުރެވިގެންމެނުވީ، ގައުމަށް ހަޖެހުމެއް އަންނާނޭ ކަމުގައި ނުބެލެވެއެވެ. އަދި ސަރުކާރަށް ހޯދުނު ސިޔާސީ ކާމިޔާބީއެއްގެ ގޮތުގައިވެސް މި ބަދަލު ވަޒަން ކުރެވިގެން ދާނީ، މުސާރައިގެ ހަމަހަމަ ކަން ގާއިމްކުރެވި، ތަފާތުކުރުންތައް ނައްތާލެވި، އަދި މުސާރައަށް ގެނެވޭ ބޮޑެތި ބަދަލުތަކާއި އެއްމިންގަޑަކުން އިގްތިސާދީ ދުވެލިވެސް ބާރުކުރެވިގެ ކަމުގައިވެސް ދަންނަވާން ޖެހެއެވެ.
ކޮމެންޓު ފޮނުވާ