ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް މިއަދު މެންދުރު ފަހު ފެށުމަށް ތަޢާވަލުކޮށްފިއެވެ.
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ (ހއ، ހދ، ށ) ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގެ ރަށްތަކަށްކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން މިއަދު މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތައް ފެށުމަށް ނިންމާ ޝެޑިއުލް އެމްޓީސީސީން މިހާރު ވަނީ ޢާންމުކޮށްފައެވެ.
މި ޚިދުމަތަކީ މުޅިން އަލަށް ފަށާ ޚިދުމަތަކަށް ވުމާއެކު ރައްޔިތުން އަހުލުވެރިވުމަކީ މުހިންމުކަމެއްކަމަށް ދެކޭކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޢީދު ބަންދަށް ދަތުރުތައް ފެށިގެންދިޔުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން މިމަހުގެ 10ގެ ނިޔަލަށް ހދ އަތޮޅުގައި ކުރެވޭ ދަތުރުތައް މުޅިން ހިލޭ ފޯރުކޮށްދެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޚދުމަތް ފެށުމަށް ބޭނުންވާ 4 ސްޕީޑް ފެރީވެސް ހދ އަތޮޅަށް ބަނދަރުކުރެވި ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ.
މި ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެ ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ. އެގޮތުން އެއަރކޯން
ކޮށްފައިވާއިރު ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުރީ އެ ފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރެއެވެ. ފެރީގައި ފާޚާނާއާއި، ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަ ކުރެވިފައި ހުންނާނެއެވެ. އަދި އާރްޓީއެލް ގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.
އާރް.ޓީ.އެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށްކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އަދި މި މުއްދަތައްފަހު މިމަހުގެ 11އިން ފެށިގެން އާރް.ޓީ.އެލްގެ ފެރީ ޚިދުމަތައް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނަގާނެކަމަށް އެކުންފުނިން ބުންޏެވެ.
އެގޮތުން https://rtl.mv/ ނުވަތަ https://app.rtl.mv/ ލިންކުގެ ޒަރީޔާއިންޓިކެޓް ނެގޭނެއެވެ. އަދި rtl travel app އެޕް މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެކަމަށް އެމްޓީސީސީން ބުންޏެވެ. އެހެންކަމުން އެޕް އަދި ވެބްސައިޓަށް އަހުލުވެރި ވުމަކީ ކުރިއަށް އޮތް ތަނުގައި ޚިދުމަތް ލިބިގަތުމަށް ވަރަށް ބޮޑަށް ފަސޭހައަކަށް ވާނެކަމަށްވެސް އެކުންފުނިން ބުންޏެވެ.
ކޮމެންޓު ފޮނުވާ