ޗައިނާއިން ރާއްޖެ ދަރީނެ ދަންތުރެއްގައި ޖައްސާފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާއިން ރައްދު ދީފިއެވެ.
ނަޝީދު ގެންދަވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަޝީދު ވިދާޅުވީ ޗައިނާއިން މަސައްކަތްކުރަނީ ރާއްޖޭގެ ބިންތައް ފޭރިގަތުމަށްކަމަށެވެ.
Ambassador Wang Lixin: The allegation that ‘China has grabbed the land of Maldives’ is pure slander. The so called ‘debt trap’ set by China is groundless and a distortion of China’s foreign cooperation policy. pic.twitter.com/55MDjDTZfc
— Embassy of China in Maldives (@ChinaEmbassy_MV) May 1, 2022
ނަޝީދުގެ އެ ވާހަކަތައް ދޮގުކުރައްވާ ރައްދު ދެއްވަމުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައި ވަނީ ޗައިނާގެ އެހީއާއި ލޯނުގެގޮތުގައި ރާއްޖޭގައި ހިންގާފައިވާ ހުރިހާ އުމްރާނީ ބިނާތަކާއި އެ ބިނާތައް ހުރި ބިންތަކުގެ މިލްކުވެރިކަން އަަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައިކަމަށެވެ. ނަޝީދުގެ ދަރަނީގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަމަށާއި، އެއީ ޗައިނާގެ އަގުވައްޓާލުމަށް ދައްކާ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ޗައިނާ އެމްބަސީން ބުންޏެވެ.
އެ ބަޔާނުގައ ޗައިނާގެ ނޫސް އެޖެންސީއަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވި އިންޓަރވިއުއެއްގައި ޗައިނާއާއި ރާއްޖެއާއި ދެމެދު ވެފައިވާ ލޯނު އެއްބަސްވުންތަކަކީ ދެޤައުމަށްވެސް ފައިދާކުރާ އެއްބަސްވުންތަކެއްކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
ނަޝީދުގެ ތަކުރާރުކޮށް ޗައިނާއަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ޗައިނާއިން ރައްދު ދެއެވެ. ޗައިނާއިން ނަގާފައިވާ ދަރަނީގެ ސަބަބުން ރާއްޖެއަށް ގެއްލުންވާކަމަށް ނަޝިދު ވިދާޅުވެފައިވާއިރު، ކޯވިޑާއި ގުޅިގެން ލޯން އަނބުރާ ދެއްކުން ޗައިނާއިން ރާއްޖެއަށް ފަސްކޮށްދީފައިވެއެވެ.
ނަޝީދު ވިދާޅުވީ ޗައިނާއަށް ރާއްޖެއިން އަދާކުރަންޖެހޭ ދަރަނީގެ ޢަދަދު 1.1 ބިލިއަނަށް އަރާކަމަށެވެ. އަދި އެ ލޯންތަކުގެ އިންޓްރެސްޓް އިންތިހާއަށް ބޮޑުކަމަށްވެސް ނަޝީދު ތުހުމަތުކުރެއެއެވެ.
ކޮމެންޓު ފޮނުވާ