މަގުސަދަކީ އިތުރުގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށްގެންދަން ލިބޭނެވަރު ކޮށްދިނުން: ރައީސް

މަގުސަދަކީ އިތުރުގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށްގެންދަން ލިބޭނެވަރު ކޮށްދިނުން: ރައީސް

Author
ހުސެއިން
01 މެއި 2022 02:26
0

ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅު ވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާފައިވާކަން، މިއަދު ގައުމާ މުޚާތަބުކުރައްވާ ދެއްވި ޚިތާބުގައި އިއުލާން ކުރައްވަމުންނެވެ.

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިން ދުވަހުގެ މުނާސަބަތާއިވެސް ދިމާކޮށް، ގައުމާ މުޚާތަބްކޮސް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް މުދައްރިސުންނަށް ލިބޭނެކަމަށާއި، އަލަށް މިއެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ ކަމުގައެވެ.

ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން، ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމަށާއި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށް ވެގެންދާނެ ކަމުގައެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ބަދަލުތައް ސަރުކާރުން ގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫންކަމުގައެވެ. އޭގެ ބަދަލުގައި، މިއީ މުޅި ރާއްޖޭގެ ތަރައްޤީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން، ޤައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަސައްކަތެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދިއުމުގެ އިތުރުން، ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމުގައި އުއްމީދުކުރާ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.