ރައީސުލްޖުމްހޫރިއްޔާ މަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާފައިވާަމުގެ އުފާވެރި ޚަބަރު ދެއްވައިފިއެވެ.
ޤައުމާއި މުޚާތަބު ކުރައްވައި ރައީސް ޞާލިހު ދެއްވި ޚިތާބުގައި ވިދާޅުވީ ބަރަކާތްތެރި އަދި އެހާމެ އުފާވެރި މައްސަރަކަށް ފަހު، މިހާރު ތައްޔާރުވަމުން މިއަންނަނީ އުފާވެރި ފިޠުރު ޢީދު ދުވަހާ ބައްދަލުކުރުމަށް ކަމަށެވެ. މިފަދަ ދުވަސްވަރެއްގައި ދައްކަން ވާނީވެސް ހިތްތަކަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ ވާހަކަތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މާތް ރަސްލަނާންގެ ވާގިފުޅާއެކު އެ ވަޢުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު ފެށުނު މެއި މަހާއެކު، މާތް ރަސްކަލާންގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެމުހިންމު ބަދަލު އަންނާނެކަން އިޢުލާން ކުރުމަކީ، މިއުފާވެރި ފިޠުރު ޢީދާއި، މިއަދު މިފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް.
– ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެގެ. އޭގެ ތެރޭގައި 6498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުން ހިމެނެއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާގޮތުގައި ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިތުރުގަޑި ހިމަނައިފިނަމަ އެއަށްވުރެ ބޮޑުވެގެންދާނެއެވެ. މިގޮތުން މި ބަދަލާއެކު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000އަށް ބޮޑުވެގެންދާނެއެވެ. އަދި 14،000 ލިބޭ މުވައްޒަފެއްގެ މުސާރަ 28،000އަށް އިތުރުވާނެއެވެ.
ރައީސް ވިދާޅުވީ ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށްވުރެ މާމަތިވެރި ކަމެއްކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މިހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. މުސާރައަށް މިގެނައި ބަދަލުތަކުގެ ތަފްޞީލްތައް، ކަމާގުޅޭ ވަޒީރުން ތިޔަ ބޭފުޅުންނާ ޙިއްސާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މިމުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ. އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާ އަދި އެނޫން ދާއިރާތަކުންވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. މިގޮތުން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެކުރައްވާ ބުރަ މަސައްކަތް ހަނދާން ނައްތައެއް ނުލާކަމަށާއި، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދަނީ ދިރާސާކުރަމުން ކަމުގައެވެ.
މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، އިރާދަ ކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. އިޖްތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މިބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި، ދައުލަތުގެ ޒިންމާތަކާ ޙަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާ ވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް. އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި.
– ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމަށާއި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެކަމަށެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމަށެވެ. މިއީ ދިވެހިން އެދޭ ގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތުކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
One Response
ކޮބާ އިދާރީ މުވައްޒަފުންގެ ޙައްގު އެމީހުންގެ މުސާރަ ބޮޑުނުކުރޭ