އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި އެޗްޑީސީން 130 ފުރުޞަތު

އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި އެޗްޑީސީން 130 ފުރުޞަތު

ނެޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 130 ޒުވާނުން ތަމްރީންކުރުމުގެ އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީއާއި އެޗްޑީސީއާއި ދެމެދު ސޮއިކޮށްފިއެވެ.

ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ފަށާފައިވާ މަސައްކަތަކީ ކޯވިޑް ޙާލަތުން އަރައިގަނެ އިޤްތިޞާދު އަލުން އާރާސްތުކުރުމުގެ މަސައްކަތަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމްގައި ޖުމްލަ 3000 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

އެޗްޑީސީއާއެކު އެއްބަސްވެފައިވަނީ އެކި ދާއިރާތަކުން 130 ޒުވާނުން ތަމްރީންކުރުމަށެވެ. މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ.

މިއީ 6 މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރާނެއެވެ.

ދާއިރާތަކުގެ ތެރޭގައި:
1. ވެލްޑިން
2. ޕްލަމްބިން
3. އިލެކްޓްރީޝަން
4. ކާޕެންޓަރ
5. ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން މެކޭނިކް
6. ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރ
7. އެސިސްޓެންޓް ބިލްޑިންގް މެއިންޓަނަންސް އޮފިސަރ
8. މޭސަން
9. ގާޑަނަރ
10. ހެވީ ވެހިކަލް އޮޕަރޭޓަރ

މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސް ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބޭނެއެވެ.

މި ޕްރޮގްރާމަކީ އެޗް.ޑީ.ސީގެ 5 ވަނަ އެޕެރެންޓިސްޝިޕް ޕްރޮގްރާމެވެ. މިއަހަރުގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމުގައި 100 ބައިވެރިންނާއި، އެޗް.ޑީ.ސީގައި މިދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް، ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *