އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ބައްދަލުކުރި މެޗު 2-0 އިން ލިވަޕޫލް ރޭ ކާމިޔާބުކުރުމާ އެކު އެވަޓަން ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެއެވެ.
އެވަޓަން އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްކޮށް ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު، ލިވަޕޫލަށް ގޯލެއް ޖަހަން ފުރުސަތެއް ނުހޯދުނެވެ. ލިވަޕޫލުން މޮޅުވީ ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓަށް ފަހު ގެނައި ދެ ބަދަލުންނެވެ. ޑިވޮކް އޮރީގީ އާއި ލުއިސް ޑިއާޒް ވަނީ ނަބީ ކެއިޓާ އާއި ސަޑިއޯ މާނޭގެ ބަދަލުގައި ކުޅެން އަރުވައިފައެވެ.
ކުޅެން އެރިތާ މާގިނައިރެއް ނުވެ، މެޗުގެ 62 ވަނަ މިނިޓްގައި އޮރީގީ އާއި މުހައްމަދު ސަލާހު ގުޅިގެން ކުރި އެޓޭކެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އެންޑީ ރޮބަޓްސަން ވަނީ ބޮލުން ގޯލެއް ޖަހައި ލިވަޕޫލަށް ލީޑުނަގައިދީފައެވެ. އޭގެ ފަހުން ކައުންޓަ އެޓޭކުގައި އެވަޓަން އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ.
ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 85 ވަނަ މިނިޓްގައި އޮރީގީއެވެ. މިއީ ޑިއާޒް އޯވަހެޑްކިކަކުން ޖެހި ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު އޮރީގީ ބޮލުން ޖެހި ގޯލެކެވެ. މިއީ އެވަޓަން ކޮޅަށް ހުރިހާ މުބާރާތެއްގައި އޮރީގީ ޖެހި ހަ ވަނަ ގޯލެވެ. ލިވަޕޫލަށް ކުޅެމުން އޮރީގީ އެންމެ ގިނަ ގޯލު ޖެހީ އެވަޓަން ކޮޅަށެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް އެއް ޕޮއިންޓުގެ ލީޑު ފުޅާވިޔަ ނުދީ ހިފަހައްޓައިފައެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 33 މެޗުން 79 ޕޮއިންޓް ހަމަ ކޮށްގެންނެވެ. ސިޓީ އަށް ވަނީ 80 ޕޮއިންޓް ލިބިފައެވެ.
އެވަޓަން އޮތީ 32 މެޗުން ހޯދި 29 ޕޮއިންޓާ އެކު 18 ވަނައިގައެވެ. މިހާތަނަށް މި ސީޒަނުގައި އެވަޓަން އިން ރަށުން ބޭރުގައި 16 މެޗު ކުޅުނު އިރު އެޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ތިން މެޗު އެއްވަރުވެފައިވާއިރު 12 މެޗުން ވަނީ ބަލިވެފައެވެ. ލީގުގައި އެވަޓަން އަށް ދެން އޮތީ އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.