ސަރުކާރުގެ ތެރެއިން މިހާރު ކުރަމުންދާ ބޭކާރު އިސްރާފު ޚަރަދުތަކާއި، ކޮރަޕްޝަންގެ ކަންކަން ނުހުއްޓޭނަމަ، އިޤްތިޞާދީ ގޮތުން ރާއްޖެ ލަންކާ އޮތް ހާލަތަށް ވެއްޓުމަކީ އެކަށިގެންވާ ކަމެއްކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ އިޤްތިޞާދީ ދަނޑިވަޅުން އަރައި ނުގަނެވެނީސް، ދުނިޔޭގައި މިހާރު ފެށިފައިވާ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން އިޤްތިޞާދީ ބޮޑެތި ގެއްލުންތަކެއް ދުނިޔޭގެ ގިނަ ޤައުތަކަށް ދަނީ ކުރަމުންނެވެ. ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އަދި ކޯވިޑުން އަރައިގަނެ، އިގްތިސާދީގޮތުން ލިބޭނެކަމަށް ލަފާކުރި ކުރިއެރުންތައްވެސް ހަނގުރާމައިގެ ސަބަބުން މަޑުޖެހިގެންދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންކަމުން ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ދަނީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަންނާނެ އިގްތިސާދީ ލޮޅުންތަކަށް ތައްޔާރުވަމުންނެވެ.
އިޤްތިޞާދީ ގޮތުން ރާއްޖެފަދަ ނާޒުކު ޤައުމަކަށް މިފަދަ ކަންކަމުގައި ދުރާލާ ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސައުދު ވިދާޅުވިއެވެ. ރާއްޖޭގެ މާލިއްޔާއަށް އަހަރަކު ވަންނަ 19 ވަރަކަށް ބިލިޔަން ރުފިޔާއަކީ ޤައުމުގެ ހިންގުމުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭ ފައިސާއަށްވާއިރު މިފައިސާއިން މިހާރު ކުރަމުންދާ އިސްރާފުތަކާއި، ކޮރަޕްޝަންގެ ކަންކަން ނުހުއްޓުވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ނާޒުކު ހާލަތަކަށް ވެއްޓިދާނެކަމަށް ސައުދު ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނިތައް މެނޭޖް ކުރުމުގެ ގޮންޖެހުންތަކެއް ކުރިމަތި ވުން ކައިރި. ދަރަނި ރަނގަޅަށް މެނޭޖް ނުކުރެވި އިސްރާފާއި، ކޮރަޕްޝަން ނުހުއްޓުވިއްޖެނަމަ ލަންކާ ހާލަތަށް ދިއުމަކީ ދުރުކަމަކަށް ނުވެދާނެ. ދައުލަތަތަށް ލިބެނީ 18 ނޫނީ 19 ބިލިޔަން އަރަކަށް. މިހާރު މިދާ ހަނގުރާމައިގެ އަސަރު އިންތިހާއަށް ކުރާނެ އެއް ޤައުމަކީ ރާއްޖެ. ސަރުކާރުގެ ޚަރަދު ކުޑަކޮށް، ވިސްނުން ތެރިކަމާއިއެކީ ބަޖެޓް މެނޭޖް ކުރަންޖެހޭ. ވެދާނެ ގޮތަކަށް ނިސްނަން ޖެހޭ. ދުއާއަކީ ލަންކާ އަށް ދިމާވި ހާލަތު ދިމާނުވުން.
– ސައުދު ވިދާޅުވިއެވެ.
22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ.
ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.
ކޮމެންޓު ފޮނުވާ