އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކޮށް ލިވަޕޫލް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ލިވަޕޫލްގެ ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެންޑީ ރޮބާޓްސަން ނަގައިދިން ކޯނަރަކުން މެޗުގެ ނުވަ ވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޑިފެންޑަރު އިބްރާހިމް ކޮނާޓޭއެވެ. މިއީ އޭނާ ލިވަޕޫލަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޖަހައިދިން ތިންވަނަ ލަނޑެވެ. ބެންފީކާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ލެގުގައި ވެސް އޭނާ ލަނޑު ޖެހިއެވެ. ނަމަވެސް މިދިޔަ ހަފްތާގައި ލީގުގައި މި ދެޓީމު ވާދަކުރި މެޗުގައި ކޮނާޓޭ އިނީ ބެންޗުގައެވެ.
ލިވަޕޫލްގެ ދެވަނަ ލަނޑު 17 ވަނަ މިނިޓުގައި ޖެހީ ސަޑިއޯ މާނޭއެވެ. ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ފަހަތުން ގޯލް ލައިން ކައިރީ ހުރި އެމެރިކާގެ ގޯލްކީޕަރު ޒެކް ސްޓެފެން އަށް ޖައްސާލި ބޯޅަ އޭނާ ކޮންޓްރޯލް ކޮށްލުމާ އެކު މާނޭ ވަނީ އެ ބޯޅައަށް މަސައްކަތްކޮށް ގޯލަށް ފޮނުވާލައިފަ އެވެ. ތިއާގޯ އަލްކަންތާރާ ދިން ޕާހަކުން ލިވަޕޫލްގެ ތިންވަނަ ލަނޑު ވެސް ޖެހީ މާނޭއެވެ.
ސިޓީގެ ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސިޓީއަށް ފަރަގު ކުޑަ ކޮށްދިނީ ޖެކް ގްރީލިޝްއެވެ. އޭގެ ފަހުން މާނޭ އިތުރު ލަނޑެެެއް ޖަހާ ލީޑު ފުޅާކުރި ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބާނާޑޯ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑުން ސިޓީއަށް އުންމީދެއް ލިބުނެވެ. އެކަމަކު ފައިނަލަށް ދިއުމަށް ސިޓީ ކުރި މަސައްކަތް ވަނީ ނާކާނިޔާބު ވެފައެވެ.
މިއީ ލިވަޕޫލް އެފްއޭ ކަޕް ފައިނަލަށް ދަތުރުކުރި 15 ވަނަ ފަހަރެވެ. މިހާތަނަށް ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ލިވަޕޫލް އެންމެ ފަހުން ފައިނަލުގައި ކުޅުނީ މީގެ 10 އަހަރު ކުރިން، 2012 ވަނަ އަހަރު އެވެ. އެފަހަރު ފައިނަލުން ބަލިވީ ޗެލްސީ އަތުންނެވެ. މާދަމާ ރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވެސް ޗެލްސީ ކުޅޭނެ އެވެ. ލިވަޕޫލާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
މުބާރާތުގެ ފައިނަލްގައި ލިވަޕޫލްއާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެގޭނީ މިރޭ މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލެސް މެޗު ނިމުމުންނެވެ. މި މެޗުން އޮންނާނީ ރާއްޖެ ގަޑިން 20:30އެވެ.