ޔަމަނުގެ އިރުމަތީގެ ޕްރޮވިންސްއެއް ކަމުގައިވާ ހަދުރަމަވަތުގެ ޖަލަކުން އަލްގައިދާގެ 10 ހަނގުރާމަވެރިއަކު ފިލާފައިވާ ކަމަށް ޔަމަނުގެ އޮފިޝަލުން ހުކުރު ދުވަހު ބުނެފިއެވެ.
ހަދުރަމަވަތު ފްރޮވިންސްގެ ސެއިޔުމް ސިޓީގައި ހުންނަ މިޖަލުގެ ގައިދީންގެ މެދުގައި މިއަދު ހަމަނުޖެހުން އުފެދި މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުން މިއަދު ހަރަކާތްތެރި ވާން ފެށުމުން ގައިދީންވަނީ ފުލުހުންގެ މައްޗަށް ގަދަވެގަނެ، ފުލުހުންގެ އަތުގައި ހުރި ބަޑިތައް އަތުލައިގެންފައެވެ. ޖަލު އޮފިޝަލުން ބުނެފައިވަނީ، ގައިދީން ޖަލުން ފިލުމުގެ ކުރިން، ފުލުހުންގެ ހަތަރެސްފައި ބަނދެފައި ވާކަމުގައެވެ.
މިހާތަނަށް ހިންގާފައިވާ ތަހުގީގުން އެގިފައިވާ ގޮތުގައި، ޖަލުން ފިލި 9 ގައިދީއަކު ވަނީ ޖަލުން ފިލުމަށްޓަކާ ޖަލު ބަލަހައްޓަމުންދިޔަ ގާޑުންގެ އެހީތެރިކަން ހޯދާފައެވެ. އަދި ޖަލުގެ ބޭރުގައި ހަރަކާތްތެރި ވަމުންދިޔަ ހަނގުރާމަވެރިންގެ އެހީތެރިކަންވެސް މި ހަނގުރާމަވެރިން ވަނީ ހޯދާފައެވެ.
ޔަމަނުގައި ގާއިމް ވެފައިވާ، އަލްގައިދާގެ ގޮތްޕެއް ކަމުގައިވާ، އަލް-ގައިދާ އިން އަރަބިއަން ޕެނިންސޫލާއަކީ، އަލް-ގައިދާގެ ބައިނަލް އަގުވާމީ ނެޓްވާކުގެ އެންމެ ނުރައްކަތެރި ގޮފި ކަމަށް ވަނީ ބެލެވިފައެވެ. އަދި މި ގޮފިން ވަނީ އެމެރިކާއަށް ގިނަ ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، ޖަލުން ފިލާފައިވާ މީހުން ހޯދުމަށްޓަކާ، ފިލިކަމަށް ބެލެވޭ މީހުންގެ ނަންތައް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ