ފުރުސަތު ގެއްލުވާލީ ލީޑަރޝިޕުން، ކަރުބުޑުން އަޑުނެރެފަ ވާހަކަދެއްކުމަކުން ކަންކަމެއްނުވާނެ: ނިހާދު

ފުރުސަތު ގެއްލުވާލީ ލީޑަރޝިޕުން، ކަރުބުޑުން އަޑުނެރެފަ ވާހަކަދެއްކުމަކުން ކަންކަމެއްނުވާނެ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2022 08:24
0

އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު ހިންގަވަން ތިއްބެވި ބޭފުޅުން ކަރުބުޑުން އަޑު ނެރެފައި ވާހަކަ ދެއްކުމަކުން ކަންކަން އަދި ނުވާނެކަން މިއަދު ހާމަވެގެން ގޮސްފިކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިގެން ވިދާޅުވީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި ފަހުން ފޯމް ހުށައެޅުމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓްގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލުމާއި ގުޅިގެންނެވެ.

ނިހާދު ވިދާޅުވީ އެމްޑީޕީގެ އަންހެން ކަނބަލުން ޚާއްސަކޮށް މާލެ ދާއިރާގައި ތިބި އަންހެން ކަނބަލުންނަށް މިއަދު މިގެއްލުވާތީ ލިބެން އޮތް ފުރުސަތެއްކަމަށެވެ. އިންތިޚާބުގައި ވާދަކުރުމަށް ވަގުތުލިބި އެކަން ނުކުރެވުމަކީ ލީޑަރޝިޕްގެ ބޮޑު ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އަޑަށް ބާރުލާފައި ކަރުބުޑުން ވާހަކަ ދެއްކުމަކުން ކަންކަން ނުވާނެކަމަށެވެ. ލީޑަރޝިޕްގައި މިއަދު ހަވާލުވެ ތިއްބެވި ބޭފުޅުން ކުރަންޖެހޭ ކަމެއް މިއަދު ނުކުރެވި އަގައިން މާދަމާ އެކަން ކުރާނަމޭ ބުންޏަސް މިއަދު ފެނިގެން މިދިޔައީ އެކަން ނުކުރެވޭނެކަމުގެ ހެކިކަމަށް ނިހާދު ވިދާޅުވިއެވެ.

އަޑަށް ބާރުލާފަ އަންހެނުންގެ ހައްގޭ ކިޔާ ކަރު ބުޑުން އަޑުނެރެފަ ވާހަކަ ދައްކާ މީހުން ކޮބާ؟ ލީޑަރޝިޕްގައި ތިބެ މިއަދު ނުވި ކަމެއް މާދަން ކުރާނަމޭ ބުނުމަކީ ލަދުވެތިކަމެއް! ޑަބްލިއުޑީސީ އަށް ކުރިމަތި ލާންތިބި ކަނބަލުންނަށް މާލެ ދާއިރާއިން އެ ފުރުސަތު ހޯދައި ނުދެވުނު! ހިންގަނީތޯ؟

– ނިހާދު އެމްޑީޕީގެ ލީޑަރޝިޕަށް ސުވާލު ކުރިމަތި ކުރިއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ މިއަދު މެންދުރު 12 ޖެހިއިރުއެވެ. އެމްޑީޕީން ފޯމް ހުށައެޅީ އޭގެ ފަހުންނެވެ.

އެހެން ކަމުން މި އިންތިހާބުގައި ވާދަކުރާނީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެ ދެ ޕާޓީން ވަނީ ސުންގަޑީގެ ކުރީން ފޯމް ހުށައަޅާފައެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

G Gatu
Thilaadheenee mdp vehje uvaalan thee mulhigaumu halaaku kuraapaatee eh