މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ގައިދީންގެ ޞިއްޚީ މައްސަލަ، 347 މައްސަލަ ނިންމި

މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ގައިދީންގެ ޞިއްޚީ މައްސަލަ، 347 މައްސަލަ ނިންމި

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2022 02:15
0

އެޗްއާރުސީއެމްއިން ފާއިތުވެދިޔަ އަހަރުގެތެރޭގައި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 340 އަށްވުރެ ގިނަ މައްސަލަ ބަލައި ނިންމާފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ މަސައްކަތްތަކާގުޅޭ ތަފްސީލްތައް ވަނީ އާއްމުކޮށްފައެވެ. މިދިޔައަހަރުގެ ރިޕޯޓުގައި ކޮމިޝަނުން ވަނީ ކުރެވިދިޔަ މަސައްކަތްތަކާއި ހުށަހެޅުނު މައްސަލަތަކާއި ނިމިފައިވާ މައްސަލަތަކުގެ ތަފްސީލްވެސް ހާމަކޮށްފައެވެ.

އެޗްއާރުސީއެމްއަށް މިދިޔަ އަހަރު 520 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން 347 މައްސަލައެއް ވަނީ ކޮމިޝަނުން ނިންމާފައެވެ. މިދިޔަ އަހަރުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ޤައިދީންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތަކެވެ.

މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ބަންދުގައިވާ ފަރާތްތަކުގެ ޞިއްޚީ މައްސަލަތަކާއި ގުޅުންހުރި 136 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ކޮމިޝަނުން ބަލާފައިވަނީ 58 މައްސަލައެވެ. ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ ލާއިންސާނީ އަނިޔާއާއި ގުޅުންހުރި މައްސަލަތެކެވެ. މިވާގަތުގެ 68 މައްސަލައެއް ހުށަހެޅުނުއިރު، 37 މައްސަލައެއް ވަނީ މިދިޔަ އަހަރު ނިންމާފައެވެ.

ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި 39 މައްސަލައެއް ހުށަހެޅުނުއިރު، އޭގެ ތެރެއިން 24 މައްސަލައެއް ވަނީ ނިންމާފައެވެ. ގައިދީންނާއި ގުޅުންހުރި 53 މައްސަލައެއް ހުށަހެޅިފައިވާއިރު 46 މައްސަލަ ވަނީ ނިންމާފައެވެ. ޝަރުއީ ދާއިރާގެ 64 މައްސަލައިގެ ތެރެއިން 59 މައްސަލަ ވަނީ ނިންމާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިދިޔަ އަހަރު ނުބެލި ހުރި މައްސަލަތަކާއި، މިއަހަރު ހުށަހެޅު މައްސަލަތަކާއިއެކު 624 މައްސަލައެއް އެކޮމިޝަނުން މިއަހަރު ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން މިހާތަނަށް 69 މައްސައެއް ވަނީ ބަލާ ނިންމަފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.