ޕާކިސްތާންގެ ބޮޑުވަޒީރަކަށް ނާވާޒް ޝަރީފްގެ ކޮއްކޮ ޝެހްބާޒް ޝަރީފް އައްޔަން ކޮށްފި

ޕާކިސްތާންގެ ބޮޑުވަޒީރަކަށް ނާވާޒް ޝަރީފްގެ ކޮއްކޮ ޝެހްބާޒް ޝަރީފް އައްޔަން ކޮށްފި

Author
ހުސެއިން
11 އޭޕްރިލް 2022 05:35
0

ޕާކިސްތާނުގެ އާ ބޮޑުވަޒީރަކަށް، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮށްކޮ ޝެހްބާޒް ޝަރީފް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން އައްޔަން ކޮށްފިއެވެ.

ޕާކިސްތާންގެ އާ ބޮޑުވަޒީރަކަށް ޝެހްބާޒް ޝަރީފް އައްޔަން ކުރުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ރުހުން ދީފައި މިވަނީ، ޕާކިސްތާންގެ ބޮޑުވަޒީ ކަމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ އޭނާ މަގާމުން ދުރުކުރުމަށް ފަހުއެވެ.

ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޝެހްބާޒް ޝަރީފަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާގެ ކުރިން، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ތެހްރީކް އޭ އިންސާފް ޕާޓީގެ މެމްބަރުންވަނީ މަގާމުން އިސްތިއުފާ ދީ، ޝެހްބާޒް ޝަރީފަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.

ޝެހްބާޒް ޝަރީފް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕާކިސްތާންގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޕާކިސްތާންގެ ގާނޫނުހަދާ މަޖިލިހުގައި އާ ބޮޑުވަޒީރަށް ރުހުން ދިނުމުގެ ޖަލްސާ ބޭއްވިފައިވަނީ ވަރުގަދަ ސަމާމަތީ ފިޔަވޅުތަކާ އެކީއެވެ. އަދި ޖަލްސާ ކުރިޔަށް ދިޔައިރު، ގާނޫނުހަދާ މަޖިލިހަށް ދެވެން އޮތް ހުރިހާ މަގުތަކެއް ވަނީ ބަންދު ކޮށްފައެވެ.

އިމްރާން ޚާން މަގާމުން ދުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ޝެހްބާޒް ޝަރީފް ވިދާޅުވެފައިވަނީ އޭނާގެ ބޮޑުވަޒީރު ކަމުގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށާއި، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ކިބައިން ބަދަލު ނުހިއްޕަވާނެ ކަމުގައެވެ.

އުމުރުން 70 އަހަރުގެ ޝެހްބާޒް ޝަރީފް ޝަރީފްއަކީ އިންޑަސްޓްރިއަލް މަސައްކަތްތެރިންގެ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންނަމަވެސް ފަހުން އޭނާ އާއިލާ ވެވަޑައިގަތީ ސިޔާސީ ޚާންދާންއަކަށެވެ.

ޝެހްބާޒް ޝަރީފް އެންމެ ފުރަތަމަ ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީއަށް އިންތިޚާބު ވެފައިވަނީ 2018ވަނަ އަހަރުއެވެ. އަދި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒް ޝަރީފް އެގައުމުގެ ސިޔާސީ މަސައްކަތުގައި އުމުރަށް ނޫޅެވޭގޮތަށް އެގައުމުގެ ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރުމަށްފަހު، ނަވާޒް ޝަރީފްގެ ޕާޓީ ޕާކިސްތާން މުސްލިމް ލީގު (PML-N) ނަވާޒް ޕާޓީގެ އެންމެ އިސްވެރިއެއްގެ ގޮތުން ހުންނަވާފައި ވަނީވެސް އޭނާއެވެ.

ނަވާޒް ޝަރީފް ސިޔާސީ މަސްރަހުން އުމުރަށް ސަސްޕެންޑް ކޮށްފައިވަނީ ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.