ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރ ކަމަށްވާ އަކްޝޭ ކުމާރު، އޭނާގެ ކެރިއަރުގެ ފުރަތަމަކޮޅު ބައެއް ބަތަލާއިންނާ ލޯބީގެ ގުޅުން ބޭއްވިއެވެ. އޭގެތެރެއިން އެންމެ އަޑުގަދަ ވެގެންދިޔަ ގުޅުމަކީ، 90ގެ ބަތަލާ ރަވީނާ ޓަންޑަން އާ އޮތް ގުޅުމެވެ. އަކްޝޭއާއި ރަވީނާ ދިމާވެ ލޯބީގެ ގުޅުމެއް އުފެދުނު ކަމަށް ވަނީ ބްލޮކްބާސްޓާ ފިލްމު "މޮހްރާ"ގެ ޝޫޓިންގ ތެެރެއިންނެވެ. އެއަށްފަހު މި ދެތަރިން ވަނީ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައެވެ.
އެހެންނަމަވެސް އަކްޝޭ "ކިލާޅިޔޯން ކާ ކިލާޅީ" ގައި މަސައްކަތްކުރި ދުވަސްވަރު އަކްޝޭއާއި ރަވީނާއާ ދެމެދު ވަނީ ބޮޑު މައްސަލައެއް ޖެހިފައެވެ. އެ މައްސަލަ ގުޅެނީ އެ ފިލްމުގެ ބަތަލާ ރޭކާއާއެވެ. އަކްޝޭއާއި ރޭކާއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާ ކަމުގެ އަޑުތައް ފެތުރެން ފެށުމާއެކު ރަވީނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެކަމަކު އަކްޝޭގެ ހިތުގައި ރޭކާއާމެދު އެކަހަލަ އިހުސާސެއް ނެތްކަން ރަވީނާ ވަނީ ޔަގީންކޮށްފައެވެ.
އޭރުގެ ބައެއް އިންޓަވިއުތަކުގައި އެކަމާ ބެހޭގޮތުން ވާހަކަދައްކަމުން ރަވީނާ ބުނީ، ރޭކާއާ ހެދި އަކްޝޭ ނޫޅޭ ކަމަށާއި، އޭނާ ބެލީ ވީހާވެސް ދުރުގައި އުޅެވޭތޯ ކަަމަށެވެ. އެ ދެމެދުގައި އޮތްހާ ގުޅުމަކީ ވެސް "ކިލާޅިޔޯން ކާ ކިލާޅީ" ގައި އެކުގައި މަސައްކަތް ކުރާތީ އޮންނަ ގުޅުން ކަމަށް ރަވީނާ ވަނީ ބުނެފައެވެ. އެކަމަކު އޭގެ އަނެއްކޮޅުން ރޭކާ ހުރީ އަކްޝޭއާ ހެދި މޮޔަވެފައި ކަމަށް ރަވީނާ ތުހުމަތުކުރިއެވެ. އެގޮތުން އަކްޝޭއަށް ތައްޔާރުކޮށްގެން ރޭކާ ގެއިން ކާއެއްޗެހި ފިލްމުގެ ސެޓަށް ގެންނަ ހިސާބަށްވެސް ދިޔަ ކަމަށް ބުންޏެވެ.
"އެހިސާބުން އަހަންނަކަށް ނުހުރެވުނު. އެއީ ދެން ބޮޑުވަރޭ އަހަރެންގެ ހިތަށް އެރީ"،
– އިންޓަވިއުގައި ރަވީނާ ބުނެފައިވެއެވެ.
އެންމެފަހުން ރަވީނާ ސީދާ ރޭކާއާ ބައްދަލުކުރަން ދިޔައެވެ. އަދި ބައްދަލުކޮށް އަކްޝޭއާ ދުރުގައި އުޅުމަށް އިންޒާރުދިން ކަމަށް ވެސް ވެއެވެ.
ކޮންމެއަކަސް، އެކަންތައް އެހިސާބަށް ދިޔަ ނަމަވެސް އެންމެފަހުން އަކްޝޭއާއި ރަވީނާގެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. އަކްޝޭ 2001 ގައި ކައިވެނީގެ ގޮށް ޖެހީ ބަތަލާ ޓްވިންކަލް ކަންނާއާއެވެ. އަނެއްކޮޅުން ރަވީނާ 2004 ގައި ފިލްމު ޑިސްޓްރިބިއުޓަރ އަނިލް ތަދާނީއާ ކައިވެނިކުރިއެވެ. އެކަމަކު 66 އަހަރުގައި ރޭކާ އަދިވެސް ހުރީ ހުސްކޮށެވެ.