އެމްޑީޕީ ބައިބައި ކޮށްލުމަށާއި، ބައިބައި ވެދާނެގޮތަކަށް ކުރެވޭ އެއްވެސް ކަމަކަށް ޖާގަ ނުދޭނެކަމުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިއަށް ތާއީދު ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ނަރުދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގައެވެ. އެމްޑީޕީ ބައިބައި ވެދާނެކަމަށް ނުވަތަ ބައިކޮށްލާނެކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން އީވާ ވިދާޅުވީ، އެމްޑީޕީ ބައިބައި ވިޔަކަ ނުދޭނެކަމަށެވެ. އަދި އެޖާގަވެސް ނުދެއްވާނެކަމަށެވެ.
މިހާރު އުފައްދާ ސުވާލަކީ އެމްޑީޕީ ބައިބައި ވަނީތޯ؟ އެމްޑީޕީ ބައިބައި ވިޔަކަ ނުދޭނަން އަޅުގަނޑުމެން. އަޅުގަނޑުމެން މިހެންތިއްބާ ލާހިކު ކުޅަދާނައެއްނޫން މިޕާޓީ ބައިބައި ކުރާކަށް.
– އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މިހާރު އޮތް ސަރުކާރަށް ބާކީ އޮތީ ދޮޅު އަހަރުކަމަށެވެ. މިސަރުކާރަށް ނުވަތަ އެމްޑީޕީއަށް ވެރިކަން ލިބޭނީ ވެފައިވާ ވައުދުތައް ފުއްދައިގެންކަމަށެވެ. ރައްޔިތުންނާއި ހަމައަށް ވޯޓު ހޯދަން އިންތިޚާބާއި ދިމާކޮށް ދާންކެރޭނީ ވައުދުތައް ފުއްދިފައިވާނަމަ ކަމަށާއި، ނުފުއްދިވާނަމަ ރައްޔިތުންނާއި ހަމައަށް ދިޔަޔަސް ކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުވައިގެން ރަށްރަށުގެ ތަރައްޤީ މަޑު ޖެހި ހުއްޓިދާނެކަމަށް ދެކެވޭ ވާހަކަތަކަށްވެސް އީވާ ވަނީ ރައްދު ދެއްވާފައެވެ. އީވާ ވިދާޅުވީ ވެފައިވާ ވަދުތައް ފުއްދެނީވެސް އަދި ވައުދުތައް ނުފުއްދޭވާހަކަ ދެއްކެނީވެސް އެމްޑީޕީން އެކަންކަން ހުށަހެޅުމުންކަމަށެވެ. އެމްޑީޕީގެ ތެރޭގެ އެތެރޭގެ އިންތިޚާބައި ގުޅުވައި ތަރައްޤީ މަޑުޖެހި ކަންކަންވާނަމަ ކުރިއަށް އޮތް ބޮޑު އިންތިޚާބާއިމެދު ވިސްނަންޖެހޭނެކަމަށް އީވާ ވިދާޅުވިއެވެ.
އެމްޑީޕީ ބައިބައި ވިޔަ ނުދެއްވާނެކަމަށް އީވާ ވިދާޅުވި ނަމަވެސް ރައީސް ޞާލިހާއި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑުވެ ދެފަރާތުންވެސް ވަނީ ކުރިއަށް ރިޔާސީ ޓިކެޓު ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންނެވެ. ރިޔާސީ ޓިކެޓް ހޯދުމަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަކީ ރައީސް ނަޝީދަށްވެސް، އަދި ރައީސް ޞާލިހަށްވެސް މުހިންމު އިންތިޚާބެކެވެ.
ކޮމެންޓު ފޮނުވާ