އައްޑު ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝުޖާއުގެ މައްޗަށް އިތުބާރު ނެތްކަމަސް ސިޓީ ކައުންސިލްގެ މެމްބަރުންގެ ވޯޓުން ނިންމައިފިއެވެ.
ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބިގައިވާ ގޮތުގައި، އިއްޔެ ރޭ ބޭއްވި ސިޓީ ކައުންސިލްގެ މެމްބަރުންގެ ބައްދަލުވުމުގައި ޝުޖާއުގެ އިތުބާރު ނެތްކަމަށް ފާސް ކޮށްފައިވަނީ، ސިޓީ ކައުންސިލްގެ 6 މެމްބަރުންގެ ވޯޓުންނެވެ. ޝުޖާއުއާއި އެއްކޮޅަށް ވޯޓު ދީފައިވަނީ 5 މެމްބަރެކެވެ. ސިޓީ ކައުންސިލްގެ މި ބައްދަލުވުމުގައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެއް މެމްބަރަކު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.
މުހައްމަދު ޝުޖާއު އައްޑު ސިޓީ ކައުންސިލްގެ އެސްޖީކަމުގެ މަގާމަށް އައްޔަން ކުރުމަށް ސިޓީ ކައުންސިލުން ފާސްކޮށް، މަގާމަށް އައްޔަން ކޮށްފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި ޝުޖާއު އެސްޖީގެ މަގާމަށް އޭރު އައްޔަން ކޮށްފައިވަނީ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރަށުގައި ނޫޅުއްވަނިކޮށެވެ.
ޝުޖާއު މަގާމުން ވަކިކުުރުމުގެ މައްސަލަ ސިޓީ ކައުންސިލަށް ހުށަހަޅުއްވާފައިވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ނާދިރެވެ. އޭނާ ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ 5 މެމްބަރުން ސޮޔާއެކު ކަމަށް ޚަބަރު އޮންލައިންނަށް މައުލޫމާތު ލިބިފައި ވެއެވެ.
ޝުޖާއުގެ މައްޗަށް އިތުބާރު ނެތްކަމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ވަކިވަކި މައްސަލަތަކުގެ ތަފްސީލް ލިބިފައި ނުވިނަމަވެސް، އިތުބާރު ނެތްކަމުގެ މަސައްލަ ހުށަހެޅުއްވި ފަރާތްތަކުން، އޭނާ ސިޓީ ކައުންސިލްގެ ނިންމުންތައް ތަންފީޒު ނުކުރާކަމަށް ފާހަގަ ކުރައްވާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިކަަމާގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސިޓީ ކައުންސިލްގެ އިދާރާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރަނީ ސިވިލް ސާވިސް ކޮމިޝަނުން ބާއްވާ އިންޓަރވިއުގެ އިތުރުން، ޚާއްސަ އިމްތިހާންތަކެއްވެސް ބޭއްވުމަށްފަހުއެވެ. އަދި، ސިވިލް ސާވިސް ކޮމިޝަނުން ހޮވާ އެސްޖީން މަގާމަށް އައްޔަން ކުރުމުގެ ކުރިން ކައުންސިލްގެ ރުހުން ހޯދަން ޖެހެއެވެ. އެހެންނަމަވެސް، އެސްޖީން މަގާމުން ވަކި ކުރުމަށް ކައުންސިލްގެ ރުހުން ހޯދަން ޖެހޭކަމަށް ގާނޫނުގައި ބަޔާން ކޮށްފައެއް ނޯވެއެވެ.
އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީގެ އިތުބާރު ނެތްކަމަށް ކައުންސިލްގެ މެމްބަރުންގެ ވޯޓުން ނިންމި ކަމުގައިވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމަށް ހަމަޖެހިފައި ވާކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.